ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފަށާފައިވާއިރުވެސް މިސަރުކާރުން އެސަރަހައްދުގައި އަސާސީ ހިދުމަތްތައް ފެށިފައިނުވާ ވާހަކަ އެމްޑީޕީ މެމްބަރުން ނުދައްކަވާތީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ފާޑުވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓް މަޝްރޫއަކީ ބޮޑު ޖަރީމާއެއް ކަމަށް ބުނެ މަޖިލީހަށް މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ފަލާހު މިއަދު ހުށަހެޅި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހި ހިއްކައި އެ ސަރަހައްދުގައި މިހާތަނަށް ރާއްޖޭގައި ހިންގި އެންމެ ބޮޑު ހައުސިން މަޝްރޫއު ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެމްޑީޕީ މެމްބަރުން މިއަދުގެ ޖަލްސާގައި ހިޔާ މަޝްރޫއަކީ ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވުމާއެކު ގުޅިގެން އެކަމަށް ރައްދު ދެއްވާ އާދަމް ޝަރީފު ވިދާޅުވީ އެވާހަކަތައް ދައްކަނީ ރައީސް ޔާމީން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާތީ އެކަން ފޮރުވުމަށް ކަމަށެވެ.
ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމުގައިވާތީ އެކަން ހައްލުކުރައްވަން ފުލެޓުތައް އަޅުއްވައިދެއްވީތީ ރައީސް ޔާމީނަށް އާދަމް ޝަރީފު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ހިޔާ ފްލެޓްތައް ރައްޔިތުންނަށް ދިނުމަށް އުޒުރުތަކެއް ދެއްކުމަށްފަހު ފްލެޓް ދީފައިވަނީ އިހަށް ދުވަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މީހުން ވަންނަން ފެށިއިރު އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމެއްވެސް ނެތް. އަދި ބެލިނިވެރިން ދަރިން އުފުލަންޖެހެނީ ކޮޑަށް ލައިގެން،" އާދަމް ޝަރީފު ވިދާޅުވި އެވެ.
މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅާއިރު ބައެއް މައުލޫމާތު އެސަރަހައްދުގައި އަސާސީ ހިދުމަތް ނެތް ވާހަކަ ނެތީ ކީއްވެތޯ އާދަމް ޝަރީފު ސުވާލުކުރެއްވި އެވެ. އަދި މިހާރު ކުރަންޖެހޭ ކަމަކީ ފުލެޓު ލިބުނު ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ލުއި ލިބޭނެ ގޮތް ހަދައިދިނުމުގެ ވާހަކަ ކަމަށެވެ. ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ވާހަކަ އެމްޑީޕީގެ މަޖިލިސް މެންބަރުން ނުދައްކަވަނީ ކީއްވެތޯވެސް އާދަމް ޝަރީފު ސުވާލުކުރެއްވި އެވެ. ރައްޔިތުންނަށް ފަސޭހަ ގޮތް ހަދައިދިނުމުން ނޫނީ މަޖިލިސް ރަނގަޅުނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ވެރިކަމަށް ތިން އަހަރުވެގެން ދިޔައިރުވެސް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އެއްވެސް އަސާސީ ހިދުމަތެއް ލިބޭގޮތެއް ނެތެވެ. އަދި ހިޔާ ފްލެޓްތައް އަވަހަށް ހައްގުވެރިންނަށް ހަވާލުކުރުމަށް ރައްޔިތުންގެ އެދެމުންދިޔައިރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ރައީސް ސޯލިހުވެސް ވިދާޅުވަމުން ދިޔައީ އެފްލެޓްތަކީ ދިރިއުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށެވެ. އެހެންނަމަވެސް ވެރިކަމުގެ މިހާތަނަށް އައިރުވެސް ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މިސަރުކާރަށް ކުރެވުނު ކަމެއް ނެތެވެ.
މިކަމާއި ގުޅޭގޮތުން ފާޑުކިޔަށް ފެށުން މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް ބަލިމަޑުކަމުގެ ވާހަކަ ދައްކާފައިވާ އެމުން ސަލާމަށްވުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ހަރަދު ކުރުމަށް ކޮވިޑް ބަލިމަޑުކަމުން އިގުތިސޯދަށް ލިބިފައިވާ ގެއްލުމުގެ ވާހަކައެއް ނުދައްކަވަ އެވެ.