އަލަށް މީހުން އާބާދުވާން ފަށާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބިނާކުރި ފުރަތަމަ މިސްކިތް މިއަދު ހުޅުވައިފި އެވެ.

“މަސްޖިދް އަމީލް ޖަލީލް" މިސްކިތް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކުރި މި މިސްކިތަކީ އެއްފަހަރާ 480 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. އަދި މިސްކިތުގެ ގޯތިތެރެއާއެކު ޖުމްލަ 700 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން މި މިސްކިތަކީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެއް ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ދެ ފަންގިފިލާއަކަށް މިސްކިތް އިމާރާތްކޮށްފައިވާއިރު، ތިރީ ފަންގިފިލާ ވަނީ ނަމާދުކުރުމަށް ހާއްސަކޮށްފަ އެވެ. އަދި މަތީ ފަންގިފިލާ ވަނީ މަލްޓި ފަންކްޝަނަލް އޭރިއާއެއްގެ ގޮތުގައި ބިނާކޮށްފަ އެވެ. އެގޮތުން އެ ފަންގިފިލާގައި ލައިބްރަރީއަކާއި ކްލާސްރޫމް އޭރިއާއެއް ހިމެނާފައިވެ އެވެ. އަދި އެ މިސްކިތް އިމާރާތްކޮށްފައި ވަނީ ކޮންމެ ފަރާތަކުން ވެސް މިސްކިތަށް ވަދެވޭ ގޮތަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ އާންމުން އާބާދުވާން ފަށާފައިވާއިރު، އެސަރަހައްދުގައި ސްކޫލްތަކާއި ސުޕަމާކެޓްތައް އެޅުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. އަދި އެ ސަރަހައްދުގައި ދާއިމީ ތިން މިސްކިތެއް އަޅަން ނިންމައިފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެ އެވެ.