ހެލްތު މިނިސްޓަރަކަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ ކޮވިޑް-19 ގެ ވެކްސިންގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިފަ ކުރައްވައިފި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ތައުރީފް ކުރައްވައިފަ އެވެ. އަދި ނަސީމަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ހަރުދަނާ ބަދަލުތަކެއް ގެންނަވާނެ ފަދަ ބޭފުޅެއް ކަމަށް ވެސް ބައެއް ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ ނަސީމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ނަސީމް މިނިސްޓަރު ކަމަށް ވަޑައިގެންނެވުމުން ޝުކުރު ދަންނަވާ ކަމަށާއި އެއީ ކޮވިޑް-19 ގެ ވެކްސިން ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"ކިރިޔާ ސަލާމަތްވީ، ގާސިމްގެ ހަގު އަންބަތް ވަޒީރުކަން ނުލިބި ދިޔަ ކަން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެންމެ ފަހުން ކައިވެނި ބައްލަވައިގެންނެވި ރާނިޔާ އަހުމަދަށް އިޝާރާތް ކުރައްވައި ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވަނީ ޔޫރަޕްގެ އެކި ގައުމުތަކުގެ ފަތުރުވެރިން ވެސް ރާއްޖެ އައުމަށް ދައުވަތު ދެއްވައިފަ އެވެ. އަދި ކޮވިޑް-19 އާއި ވެކްސިންއާ ގުޅޭ ގޮތުން ރާއްޖޭގައި "އެއްވެސް މައްސަލައެއް" ނޯންނާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އެގޮތަށް ވިދާޅުވި އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ގެ ވެކްސިން ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނަސީމް ވަނީ، 2011 ވަނަ އަހަރު މާޗު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓަ އޮފް ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި އޭގެ ކުރިން އޭނާ ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒްގެ މަގާމު ވެސް ފުރުއްވާފަ އެވެ. އެ މަނިކުފާނު ސަރުކާރުގެ ޚިދުމަތާއި ގުޅިވަޑައިގަތީ 1966 ވަނަ އަހަރު އެވެ.