އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ފުރަތަމަ ފަހަރަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު އިއުތިރާފުވެވަޑައިގެންފި އެވެ.

ރާއްޖެ ޓީވީން ނަސްރުގެ ދުވަހާ ގުޅިގެން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ހަތިޔާރާ ނުލާ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖެ އަންނަނީ ސަރުކާރުން ހުއްދަ ލިބިގެން ކަމަށާއި، ރާއްޖޭގައި ތިބޭ މުއްދަތާއި، ކުރާ މަސައްކަތްތައް ވެސް ކަނޑައަޅަނީ ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ހަތިޔާރު ނުގެންގުޅޭ ކަމަށާއި، އެ މީހުން ތިބެގެން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގުޑުމެއް ވެސް ނާންނާނެ ކަމަށް މާރިއާ ވިދާޅުވި އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ކަމަށް އޮޅިގެން ވިޔަސް ޑިފެންސް މިނިސްޓަރު މިވަނީ އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

އިންޑިޔާގެ އަސްކަރީ ސިފައިން - މާރިޔާ ވިދާޅުވީ އިންޑިޔާ ސިފައިން ތިބެގެން މިނިވަންކަން ނުގެއްލޭނެ ކަމަށް

އިންޑިއާ ސިފައިން ޑޯނިއާ ފްލައިޓު ވެސް އޮޕަރޭޓް ކުރަނީ އެމްއެންޑީއެފްގެ ކޮމާންޑާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބަލި މީހުން އުފުލުމުގެ އޮޕަރޭޝަން ފަދަ ކަންކަމުގައި އިންޑިއާ ސިފައިންގެ އެހީގައި 250ށް ވުރެ ގިނަ މީހުން އެކި ހާލަތްތަކުން ސަލާމަތްކޮށްދެވިފައިވާ ކަމަށް ވެސް މާރިއާ ވިދާޅުވި އެވެ.

"އެއިން ހެލްކޮޕްޓަރެއް ވެސް އެންމެ ފަހަރަކު ވެސް އަޅުގަނޑުމެންގެ އެދުމަކަށް ނޫނީ އުދުހިއެއް ނުގަންނާނެ. އަދި އެ ޑޯނިއާ ފްލައިޓްވެސް އެމްއެންޑީއެފުން ޓާސްކެއް ހަވާލުކުރީމަ ނޫނިއްޔާ ރާއްޖޭގެ ސަރަހައްދުގައި ވެސް އުދުހިއެއް ވެސް ނުގަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިޔާގެ ޑޯނިއާ ފްލައިޓް: މާރިޔާ ވިދާޅުވީ އިންޑިޔާ ސިފައިން ތިބެގެން މިނިވަންކަން ނުގެއްލޭނެ ކަމަށް

މާރިއާ ވިދާޅުވީ ގޮތުގައި އިންޑިއާއިން ހުރިހާ ހަރަދެއް ކޮށްގެން ދިވެހި ސިފައިން އިންޑިއާ އަށް ގޮސް ތަމްރީނު ވަނީ ވެސް ރާއްޖޭގެ ފައުޖުތައް ވަރުގަދަވެ، އެހެން ގައުމުތަކުގެ މީހުން އައިސް ރާއްޖެ އަށް ނުފޫޒު ނުފޯރުވޭގޮތަށް ހަދަން އިންޑިއާއިން ބޭނުންވާތީ ކަމަށެވެ.

"އިންޑިއާގެ ޑިފެންސް މިނިސްޓަރު އަޅުގަނޑު ގާތު ވިދާޅުވީ ރާއްޖޭގެ ފައުޖުތައް ވަރުގަދަވެ ރާއްޖޭގެ ސަލާމަތްތެރިކަން އިތުރުވުމަކީ، އިންޑިއާގެ ސަލާމަތްތެރިކަން ރައްކާތެރިވުމޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު އަޅުގަނޑު ގާތު ވިދާޅުވީ ރާއްޖޭގެ ފައުޖުތައް ވަރުގަދަވެ ރާއްޖޭގެ ސަލާމަތްތެރިކަން އިތުރުވުމަކީ، އިންޑިއާގެ ސަލާމަތްތެރިކަން ރައްކާތެރިވުމޭ،
މިނިސްޓަރު މާރިޔާ

ރާއްޖެ ޓީވީގައި މާރިއާ މި ތަފްސީލްތައް ދެއްވާފައިވާއިރު މިހާތަނަށް ސަރުކާރާ އެމްއެންޑީއެފުން ވެސް ބުނަމުން އަންނަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ނެތް ކަމަށާއި ތިބީ "ޓެކްނިކަލް" ބައެއް ކަމަށެވެ. އަދި އުތުރުތިލަފަޅު ތަރައްގީކުރުމުގައި ވެސް އަދި އެތަން އޮޕަރޭޓް ކުރުމުގައި ވެސް ތިބޭނީ ޓެކްނިކަލް މީހުން ކަމަށާއި ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބޭ މީހުންނަކީ ވެސް ޓެކްނިކަލް މީހުން ކަމަށެވެ.

އެންމެ ފަހުން އުތުރު ތިލަފަޅުގެ އެއްބަސްވުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ޑިފެންސް މިނިސްޓަރާއި އަދި އެ ދިފާއީ ބާރުގެ އިސްވެރިން ވަޑާއިގެން ދެއްވި މައުލޫމާތުގައިވެސް ރާއްޖޭގައި ސިފައިން ނެތް ކަމަށާއި ތިބީ ޓެކްނިކަލް މީހުން ކަމަށް ބުނެފައިވެ އެވެ.

އައްޑޫ ޕޮލިސް ޓްރެއިނިން ސެންޓަރު: މާރިޔާ ވިދާޅުވީ އިންޑިޔާ ސިފައިން ތިބެގެން މިނިވަންކަން ނުގެއްލޭނެ ކަމަށް

އަދި އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޗީޕް އޮފް ޑިފެންސް ފޯސް ޝަމާލު ވެސް ވަނީ ރާއްޖޭގައި އިންޑިޔާ ސިފައިން ނެތް ކަަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއަދު މާރިޔާ ހާމަކުރެއްވި މައުލޫމާތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމާއި މިހާތަނަށް ސަރުކާރުން މި މައްސަލާގައި ހަދަމުން ދިޔައީ ދޮގުކަން ވަނީ ފަޅާއަރައިފަ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާއާއި ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް: ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް މި ދެބޭފުޅުން ވެސް ވިދާޅުވި

އިންޑިޔާސިފައިން ހަތިޔާރާއެކު ވެސް އަދި ހަތިޔާރާ ނުލާވެސް ރާއްޖޭގައި ތިބުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެކެވެ. އިންޑިއާއާއެކު ހަދާފައިވާ އެއްވެސް އެއްބަސްވުމަކަށް މިހާތަނަށް ރައްޔިތުންގެ މަޖިލީހުގެ ހުއްދައެއް ވެސް ހޯދާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅަކު ވިދާޅުވީ ސިފައިން ތިބި ކަމަށް އެއްބަސްވުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ޑިފެންސް މިނިސްޓަރު ވެސް ގާނޫނު އަސާސީއާ ހިލާފުވީ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބަލަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.