ގްރޭޓާ މާލެ ސަރަހައްދުގައި ސިޓީ ކައުންސިލެއް ބޭނުންނުވާ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.

މެމްބަރު އިކްރާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ މައި ސަރުކާރު ހިންގާ ސިޓީގައި އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ މައި ސަރުކާރުން އެ ސިޓީ ހިންގުންކަމަށް ވިދާޅުވެފަ އެވެ. އަދި މި ސަބަބާއި ހުރެ މާލޭގައި ސިޓީ ކައުންސިލެއްގެ ބޭނުން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު އިކްރާމް މިހެން ވިދާޅުވެފައި ވަނީ ނަސްރުގެ ދުވަހާ ގުޅިގެން މާލޭގައި ގައުމީ ދިދަ ޖެހުމަށް ސަރުކާރުން އެދިފައި ނުވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށްށެވެ.

ގައުމީ އެހެން ދުވަސްތައް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން މާލޭގައި ގައުމީ ދިދަ ޖެހުމަށް ސިޓީ ކައުންސިލްގައި އެދޭއިރު ނަސްރުގެ ދުވަހާ ގުޅިގެން ގައުމީ ދިދަ ޖަހަން އެދިފައި ނުވާތީ ހިތާމަ ކުރައްވާ ކަމަށް މުއިއްޒުގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

ސަރުކާރުން އެދިފައިނުވި ނަމަވެސް މާލެ ސިޓީ ކައުންސިލުން ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ މަގުމަތީގައި ދިދަ ޖެހުން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލުން ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި ހިލާފަށް އަޑުއުފުލައި ފާޑުކިއުންތައް އަމާޒުކުރާއިރު، މިކަންކަމާ ގުޅިގެން ސަރުކާރުގެ އެކި މެމްބަރުން ދަނީ ސިޓީ ކައުންސިލަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

މިކަމާއި ގުޅިގެން މެމްބަރު އިކްރާމް މިއަދު ކުރެއްވި ޓުވީޓަށް ވެސް އާންމުންގެ ގިނަ ބަޔަކު ވަނީ ފާޑުކިޔައިފަ އެވެ. އެގޮތުން މާލެ ސިޓީ ކައުންސިލު އޮތުމާއި ނެތުމަކީ މާލޭގެ ރައްޔިތުން ނިންމާނެ ކަމެއް ކަމަށް އެއްބަޔަކު ބުނެފައިވެ އެވެ.