އެޗްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކް ބޭނުންކޮށްގެން އުރީދޫގެ އެއްމެހާ ހިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއެކުރުމާއެކު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް، އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އުރީދޫގެ ހިދުމަތްތައް ފަސޭހަ އަދި އަވަސްކަމާއެކު ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި، ކުރިމަގުގައި މީގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ގިނަގުނަ އިޖުތިމާއީ އަދި އިގްތިސާދީ ފައިދާތަކާއި ލުއިފަސޭހަތަށް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އިންޓަނެޓް އަދި ޓީވީ ފަދަ މުއާސަލާތީ ހިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވެސް އެއް ވިއުގައެއް ބޭނުންކޮށްގެން ހިދުމަތް ދެވޭގޮތަށް އެޗްޑީސީން ފަރުމާކޮށްފައިވާ މި އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ހިދުމަތް ދޭން މިހާރު ވަނީ ދިރާގު އަދި މީޑިއާނެޓުން ފަށާފަ އެވެ.
"އެޗްޑީސީގެ އޯޕެން އެކްސެސް ނެޓްވޯކަކީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއްގެ މައިގަނޑު ވިއުގަ އެވެ. މި ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓް އަދި ޓީވީގެ ހިދުމަތްތައް ފޯރުކޮށްދޭ އެކި ފަރާތްތަކަށް އެއްވިއުގައަކުން އަވަސްކަމާއި ހިދުމަތް ދިނުމަށް ހިނގާ ހަރަދުކުޑަވާނެ ގޮތަކަށް ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުފަހިވެގެންދާނެ. ހަމަ މިއާއެކު މިފަދަ ހިތުމަތްތައް ދޭފަރާތްތަކުން އެއްވިއުގައެއް ހިއްސާކުރުމުން ގިނަގިނައިން މަގުކޮނުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން މަދު ކުރެވިގެންދާނެ،" އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން އިސްނަގައިގެން މަސައްކަތް ކުރަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ބޭނުންވާ ފަދަ ޑިޖިޓަލް ކުރިމަގަކަށް ވާސިލުކޮށްދިނުމަށް ކަމަށެވެ. އަދި އެޗްޑީސީން ޔަގީންކޮށްދެނީ އޯޕެން އެކްސެސް ނެޓްވޯކް މެދުވެރިކޮށް އިންޓަނެޓާއި، ޓީވީއާއި އެހެނިހެން އެފަދަ ހިދުމަތްދޭ ފަރާތްތަކަށް ފުރިހަމަކަމާއެކު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި މިކުންފުނީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.