ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ވިއްކި ދޯންޏަކަށް އިއްޔެ ރޭ ތޫނު ހަތިޔާރާއެކު ދޯންޏަކަށް އަރައި ހަމަނުޖެހުން ހިންގި މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނު އެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތިން މީހަކު ރޭ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެންމައުލޫމާތު ސާފު ކުރުމުން އެ ދޯނި ލ. މަގު ތުނޑިއަށް ކައިރި ކުރިކަން އެނގިފައިވާ ކަމަށެވެ. އަދި ފުލުހުން ދޯންޏަށް ގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މީގެ ދެ އަހަރު ކުރިން ޖާބިރުގެ ކުންފުންޏަކަށް އެދޯނި ވިއްކާލީ ހަތް މިލިއަން ރުފިޔާ އަށެވެ.

"ހަތް ލައްކަ ރުފިޔާ ދޯނި ގަތް ފަރާތުން ދެއްކީ. ބާކީ ފައިސާއެއް ނުދައްކާ. ދޯނި ހަވާލު ކުރަން އެތައް ފަހަރަކު އެދުމުން ވެސް ދޯނި ހަވާލެއް ނުކުރި،" އެ ދޯނީގެ ފަރާތުން ވާހަކަދެއްކި މީހަކު ވަގުތު ނޫހަށް ބުނެފައިވެ އެވެ. "އެހެންވެ ދޯނީގެ ވެރިފަރާތް ނިސްބަތްވާ އަތޮޅަށް ދޯނި ވަނުމުން ދޯންޏަށް އަރައި ސުލްހަވެރިކަމާއި އެކު ދޯންޏާއި ހަވާލުވީ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ. ދޯންޏަށް އެރި މީހުންގެ އަތުގައި އެއްވެސް ކަހަލަ ހަތިޔާރެއް ނުހުންނާނެ."