ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އައުރަ ނިވާކުރުމަށް އަދާލަތު ޕާޓީގެ ދީނީ މަޝްވަރާ މަޖިލީހުގެ އިސް ބޭފުޅެއް ކަމަށްވާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ގޮވާލައިފި އެވެ.
ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް މިހެން ގޮވާލައްވާފައި ވަނީހދ. ކުޅުދުއްފުށީ ޕޮލިސް ފުޓްސަލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިމްރާން ކަކޫ ފެންނަ ގޮތަށް ޖާޒީ ތުރުކުރައްވައިގެން ހުންނެވި ފޮޓޯތަކެއް ފުލުހުންގެ މީޑިއާއިން ޓުވީޓުކުރުމާ ގުޅިގެންނެވެ.
އެ ރަސްމިއްޔާތުގައި އިމްރާން ވަނީ ޖާޒީގައި ފުޓްބޯޅަ ކުޅުއްވާފަ އެވެ.
ޑރ. އިޔާޒު ވިދާޅުވީ އައުރަ ނިވާކުރުމަކީ ވަކި މީހަކު ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ އެންމެން ވެސް ކުރަންޖެހޭ ކަމެއް ކަމަށާއި ހާއްސަގޮތެއްގައި އެހެން މީހުންނަށް ނަމޫނާއަކަށް ވާންޖެހޭ އިމްރާން ފަދަ ބޭފުޅަކު ކަކޫ ފެންނަ ހެދުމެއްގައި އާއްމުންގެ ތެރެއަށް ނިކުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އިޔާޒް އާއި ހޯމް މިނިސްޓަރު އިމްރާން އަކީ ވަރަށް ގާތް ދެބޭފުޅުންނެވެ. ދާދި ފަހުން ފުލުހުންގެ ޚިދުމަތް ހޯމް މިނިސްޓްރީގެ އިހްތިސާސުން ނެގުމަށް ރައީސް ނިންމެވުމާ ގުޅިގެންވެސް އިޔާޒްވަނީ އިމްރާން އަށް ކެތްތެރިވުމަށް ގޮވާލާ ހިތްވަރުދީފަ އެވެ. އަދި ސަރުކާރުން ކުރާ ބައެއް ކަހަލަ ނޭދެވޭ ކަންކަމުގައި އިމްރާން އާއި އަދާލަތު ޕާޓީން ވެސް ބަސް ނުބުނާތީ އާއްމުން އިމްރާނަށް ރައްދުކުރާ ވާހަކަތަކުގައި އިމްރާނުގެ ދިފާއުގައި ވެސް ޑރ. އިޔާޒު ނުކުންނަވަ އެވެ.