އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުންނަށް ދީފި އެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ދެ ޕައިލެޓުންނަށް ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

އެ ރަސްމިއްޔާތުގައި މޭޖާ ޖެނެރަލް ޝަމާލް ވިދާޅުވީ އެމްއެންޑީއެފްގެ ސިފައިންނަށް ފުރަތަމަ ފަހަރަށް ޑޯނިއާ މަތިންދާ ބޯޓުދުއްވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ. މި ޕައިލެޓުން ތަމްރީންކޮށްދިން އިންޑިއާގެ ސިފައިންނަށް ޝަމާލް ވަނީ ޝުކުރު އާދަކުރައްވާފަ އެވެ.

އެމްއެންޑީއެފްގެ ސިފައިން އެ ޑޯނިއާ ބޯޓު ދުއްވާނީ އިންޑިއާ ސިފައިންނާއެކު އެވެ. އަދި އެ ބޯޓުގެ އެއްބަސްވުމުގައި ވާގޮތުން އެ މަތިންދާބޯޓުގެ ފުރިހަމަ ކޮމަންޑު އޮންނަނީ އެ ވަގުތެއްގައި ހުންނަ އިންޑިއާ ސަފީރުގެ އަތުގަ އެވެ. އަދި މަތިންދާބޯޓު ދުއްވުމުގައި ވެސް، ބެލެހެއްޓުމުގައި ވެސް އިންޑިއާ ސިފައިން އަބަދުވެސް ހަރަކާތްތެރިވާނެ އެވެ.

އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިވެހި ސިފައިންގެ ޕައިލެޓުންނަށް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ލިބުނު ދިވެހި ސިފައިންގެ ދެ މީހުންނަކީ ފަސްޓް ލެފްޓިނެންޓް އިބްރާހީމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީ އެވެ.

އިންޑިއާއާއެކު 2019ވަނަ އަހަރު ސޮއިކުރި ލެޓާ އޮފް އެކްސްޗޭންޖްގެ ދަށުން ދިވެހި ޕައިލެޓުންނަށް އެއާކްރާފްޓް ދުއްވޭގޮތަށް ތަމްރީނުކޮށްދޭން އެއްބަސްވި އެވެ. އެގޮތުން ފަސް ޕައިލެޓުން ތަމްރީނުކޮށް އޭގެ ތެރެއިން ހަތަރު ޕައިލެޓުން ވަނީ ޑޯނިއާ މަތިންދާބޯޓު ދުއްވުމުގެ ކޯސް ފުރިހަމަކޮށްފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މިއަދު ބެޖު ލިބުނު ދެ ސިފައިން މިހާރު ވަނީ ޚިދުމަތާ ގުޅިފައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަދު ހުއްދަ ދިން ދެ ޕައިލެޓުން ބުނެފައި ވަނީ މިއީ ވަރަށް ފަޚުރުވެރިވާ ކަމެއް ކަމަށާއި، މިފަދަ ޚިދުމަތެއް ދިނުމަށް ޝައުގުވެރިވީ ގައުމީ ޚިދުމަތެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެމްއެންޑީއެފަކީ ޓްރެއިންނިންއާއެކު، މިފަދަ ގިނަ ފުރުސަތު އޮތް މުއައްސަސާއެއް ކަމަށް ވެސް އެ މީހުން ބުންޏެވެ.

ޑޯނިއާ މަތިންދާ ބޯޓަކީ ރާއްޖޭގައި ދިމާވާ އެކި ހާދިސާތަކުގައި، ސިފައިންގެ އެކި ބޭނުންތަކުގައި ވެސް ބޭނުންކުރާ ބޯޓެކެވެ. އެގޮތުން އެމްއެންޑީއެފްގެ ކޯސްޓްގާޑުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ގަވާއިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓާކުރުމަށް ވެސް މި ބޯޓު ބައެއް ފަހަރު ބޭނުންކުރެ އެވެ.