މާލޭ ސިޓީގެ ބިންތަކުން ސިޓީ ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ ކައުންސިލުން ނިންމައިފި އެވެ.
ސިޓީ ކައުންސިލުން ބުނީ އެ ނިންމުން ނިންމީ މާލޭ ސިޓީ ކައުންސިލުގެ ހަތަރު ވަނަ ދައުރުގެ 26 ވަނަ ޖަލްސާގައި ކަމަށެވެ. އަދި މި ޖަލްސާގައި މިކަމާ ގުޅޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީއަކާމެދު ވަރަށް ފުޅާ ދާއިރާއެއްގައި މެންބަރުންގެ މެދުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
"މީރާގެ ސިޓީގައި ވަނީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ދާދި ފަހުން ގެނައި އިޞްލާހަކާ ގުޅިގެން ޓެކްސް ފިޔަވައި އެހެން ފައިސާގެ ތެރެއިން ދައުލަތަށް ލިބެންޖެހި ނުލިބިވާ ފައިސާ ހޯދުމަށް އެ އޮތޯރިޓީން ކުރިން އަޅަމުންދިޔަ ބައެއް ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު މިހާރު ގެއްލިފައިވާ ކަމަށް. އެހެންކަމުން ސިޓީ ކައުންސިލް މެދުވެރިވެ މީރާއަށް ބަލައިގަންނަ ފައިސާގެ ތެރެއިން މިހާތަނަށް ނުލިބިވާ ފައިސާ ހޯދުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައި،" ސިޓީ ކައުންސިލުން ބުންޏެވެ.
ބައްދަލުވުމަށް ސިޓީ ހުށަހަޅުއްވައިދެއްވައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއީ މީރާއާއެކު ކައުންސިލުން ބޭއްވި ބައްދަލުވުމަކާ ގުޅިގެން ލިބިފައިވާ ސިޓީއެއް ކަމަށެވެ. އަދި މާލޭގެ ބިންތަކުން ކައުންސިލަށް ލިބެންޖެހޭ ފައިސާއަކީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ވަރަށް މުހިންމު ވަސީލަތެއް ކަމާއި، އެ ފައިސާ ހޯދުމަށް އިސްކަންދޭންޖެހޭކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މީރާގެ ސިޓީގައި ހިމެނެނީ ވަރަށް ގިނަ އަދަދެއްގެ ފައިސާގެ ވާހަކަ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
"މިގޮތަށް ލިބެންޖެހި ނުލިބި ފުދޭވަރަކަށް ގިނަ ފައިސާ އެބަހުރި. މީގެ ތެރޭގައި ގިނައީ ވިޔަފާރި ބޭނުންތަކަށް އެކި ފަރާތްތަކަށް ކުއްޔަށް ދީފައި ހުރި ބިންތަކުން ލިބެންޖެހޭ ފައިސާ. އަދި ހަމައެހެންމެ ސޯޝަލް ހައުސިންގައި ހިމެނޭ ސިނަމާލެ، މާލެހިޔާ ފްލެޓުތަކުގެ ބައެއް ބޭފުޅުންނަށް ނުދެއްކި ހުރި ފައިސާ ވެސް މީގައި އެބަ ހިމެނޭ،" މޭޔަރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ބުނީ މީރާއިން މިކަން ފާހަގަކޮށްފައިވަނީ އެ ދެ ކުންފުންޏަށް މާލެއިން ދޫކޮށްފައިވާ ބިންތަކާ ގުޅިގެން ދައުލަތަށް ނުދައްކާ ހުރި ފައިސާގެ މައްސަލާގައި އަމަލުކުރާނެ ގޮތެއް އޮޅުންފިލުވުމަށް މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ކަމަށެވެ.
މީރާގެ ސިޓީގައި ވާގޮތުން މާލެއިން ދޫކޮށްފައިވާ ބިންތަކާ ގުޅިގެން އެ ކުންފުނިތަކުން ނުދައްކާ އޮތް 77 މިލިއަން ރުފިޔާއަކީ 30 މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ނުދައްކާ ހުރި އަދަދު ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މީގެ ތެރޭގައި ހިމެނެނީ ކުލީގެ ގޮތުގައި ދައްކަންޖެހޭ 54.7 މިލިއަން ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 22.7 މިލިއަން ރުފިޔާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
"މި ފައިސާ ދައްކާފައި ނުވާތީ މީރާއިން ސިޓީ ކައުންސިލުގައި އެދުނީ ދެން އަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް،" ސިޓީ ކައުންސިލުން ބުންޏެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ވާހަކަ މީގެ ކުރީގެ ބައްދަލުވުމެއްގައި ވެސް ދައްކާފައިވާ ކަމަށެވެ. އަދި މީރާއާއެކު ބޭއްވުނު ބައްދަލުވުމުގައި އެ އޮތޯރިޓީން ފާހަގަކުރެއްވި ގޮތުގައި ފައިސާ ނުލިބިއްޖެ ހާލަތެއްގައި ސިޓީއެއް ފޮނުވުން ފިޔަވައި އެހެން ބާރެއް މީރާއަށް ނެތް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
"އެހެންކަމުން ކައުންސިލަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކައުންސިލުން އަޅާނެ ފިޔަވަޅުތަކެއް ނިންމުމަށް މޭޔަރު އެދިވަޑައިގަތް،" ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ ޖަލްސާގައި ފުޅާ ދާއިރާއެއްގައި މިކަމާމެދު މަޝްވަރާކުރުމަށްފަހު ނިންމީ ސޯޝަލް ހައުސިންގައި ހިމެނޭ ފަރާތްތަކާމެދު އަމަލުކުރާނެ ގޮތެއް ވަކިން ނިންމުމަށް ކަމަށެވެ. ނަމަވެސް ވިޔަފާރި އުސޫލުން ދޫކޮށްފައި ހުރި ބިންތަކަށް ލިބެންޖެހޭ ފައިސާ ނުދައްކާ ހުރި ސަބަބު ބަޔާންކޮށް ކައުންސިލަށް ސިޓީއަކުން އެކަން އެންގުމަށް އެ ފަރާތްތަކަށް އެއްމަސް ދުވަހުގެ މުހުލަތެއް ދިނުމަށް ނިންމި ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
"އެ މުއްދަތަށްފަހު، އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އެޅުމަށް ވަނީ ފާސްކޮށްފައި. އެހެންވީމަ، އަޅުގަނޑުމެން އެއްމަސް ދުވަސް މިދެނީ ފައިސާ ނުދައްކާ އޮތް ސަބަބު މިތަނަށް އަންގަން ލިޔުމަކުން. އެގޮތަށް ފުރުޞަތު ދީފައި އިޖާބަދޭ ފަރާތްތަކުގެ މައްސަލަ ކޯޕަރޭޓް ކޮމިޓީއާއި ކޯޕަރޭޓް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދާގޮތަށް. އަދި ހަމަ އެއާއެކުއެކީގައި، އިޖާބަ ނުދޭ ފަރާތްތަކާމެދު އެ ހިސާބުން ފެށިގެން ފިޔަވަޅު އެޅުމަށް ފަށާނެ،" ސިޓީ ކައުންސިލުގެ މޭޔަރު ވިދާޅުވި އެވެ. "ކައުންސިލާއި އެ ފަރާތްތަކާ ދެމެދު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ފިޔަވަޅު އަޅަމުންގޮސް ފައިސާ ހޯދުމަށް ކޯޓަށް ދާންޖެހުނަސް އެ މަރުޙަލާއަށް ވެސް ދާނެ. އަދި އިޖާބަދޭ ފަރާތްތަކުގެ އަތުންވެސް އަވަހަށް ފައިސާ ލިބޭނެގޮތެއް ހަމަޖައްސާނެ."
ސިޓީ ކައުންސިލުން ބުނީ މާލޭގެ އެކިއެކި ބިންތަކާއި މާރުކޭޓުފަދަ ތަންތަން ކުއްޔަށް ދިނުމުން ފައިސާ ނުދައްކާ ލިސްޓުގައި 156 ފަރާތެއް ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ފްލެޓުގެ ފައިސާ ނުދެއްކި ވަނީ ހަތް ފަރާތެކެވެ. އަނެއް 149 ފަރާތަކީ ވިޔަފާރިތަކެވެ. އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ވެސް ހިމެނެ އެވެ. މިއީ 2017 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ނުދައްކާ ހުރި ފައިސާއަށް ވުމުން، ކޮވިޑާ ގުޅުންހުރި ކަމެއް ނޫންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި އެވެ.
މާލޭގެ ބިންތަކުން ސިޓީ ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލުގެ އިއްތިފާގުން ފާސްކޮށްފައިވާއިރު، މާލޭ ސިޓީގައި ދުއްވާ ވެހިކަލްތަކުގެ ފީ ސިޓީ ކައުންސިލަށް ހޯދުމަށް ވެސް މޭޔަރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ސިޓީ ކައުންސިލުން ބުނީ ގާނޫނު ބުނާގޮތުން މާލޭ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ވެހިކަލްތަކުގެ ފީ ސިޓީ ކައުންސިލަށް ލިބެންޖެހޭ ކަމަށެވެ. އަދި މި ފައިސާ ކައުންސިލަށް ލިބޭނެ ގޮތް އަވަހަށް ހަމަޖައްސައިދިނުމަށް ކަމާބެހޭ ފަރާތްތަކުގައި މޭޔަރު ވަނީ ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
ކޮބާތޭ މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާއި އެކު ބާއްވަން ބުނި ބައްދަލުވުން ތައް އެވެސް ބޮޑު ނިގުލަށް ދޯ ދިޔާ ދެން ކިއެއްވެތޭ ކޮންމެ ރެއަކު މާލެ ސިޓީ ކައުންސިލުން ކްލަބް ހައުސް ގައި މާލެ ސަރަހައްދު ތަެރައްގީ ކޮށް މާލެ ސަރަހައްދަކީ އެއީ ސާފު ތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް ޓަކައި ކްލަބް ހައުސް ގައި ފޯރަމްސް ތަކެއް ހަދައިގެން މެދުނުކެނޑި ތިން މަސްދުވަސް ވަން ދެން އެކަން ނުކުރަނީ އެއީ މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާއި އަޅާނުލާ މިންވަރު ދޭހަ ކޮށްދޭ ކަންކަމޭ މާލެ ސިޓީ ކައުންސިލް ކޮރަޕްޓޭ
މާލޭ ދަފްތަރު ގައި ޖެހެން ބޭނުންވާ ކޮންމެ މީހަކަށް އެފުރުސަތު އޮންނަން ޖެހޭނެއޭ އަދި މާލެ އަށް އުފަންވާ ކޮންމެ ކުއްޖަކީ އެއީ ދަފްތަރުގަިއ ޖެހެން ޖެހޭނެ ކުއްޖެކޭ މާލެ ދަފްތަރު ވަގުތީ ގޮތުންވެސް ބަންދުކުރިތާ 7 މަސްވީއޭ ސިޓީ ކައުންސިލަށް މާލެ ދަފްތަރު ބަންދުކޮށްގެން ކެއްކުނު ޑޮންޑޮނެއް ނެތޭ ކުރެވުނު ކަމަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގަކުން ރައްޔިތުން މަހްރޫމް ކުރުމޭ މާލެ ދަފްތަރު ހުޅުވާލާށޭ އެނޫންނަމަ މަމެންނަށް ވަރަށް ލާރޖް ކޮށް މޭޔަރޭ އިސްތިއުފާ އަށް ގޮވަން ޖެހިދާނެއޭ އެއިރުން މާތާހިރެއް