ތެހްރާން (13 ނޮވެމްބަރު ) - މިމަހުގެ ފަހުކޮޅު ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ވިއެނާގައި ބާއްވަން ތާވަލުކުރެވިފައިވާ މަޝްވަރާތަކުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމްގެ ވާހަކަ ނުދައްކާނެ ކަމަށް އެ ގައުމުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަދި ނިއުކްލިއާ މަޝްވަރާތަކުގެ އިސް އޮފިޝަލެއް ކަމަށްވާ އަލީ ބަގޭރީ ކަނީ ވިދާޅުވެއްޖެ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ކަނީއާ ހަވާލާދީ ބުނިގޮތުގައި އީރާނުން ނިއުކްލިއާ ޕްރޮގްރާމްގައި ހޯދިފައިވާ ކާމިޔާބީތަކާ ބެހޭ ގޮތުން މަޝްވަރާތަކުގައި ވާހަކަ ނުދައްކާނެ ކަމަށެވެ.

ވިއެނާ މަޝްވަރާތަކުގައި އީރާނުގެ އަމާޒަކަށް ވާނީ އެގައުމާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުން ކަމަށް ކަނީ ވިދާޅުވި އެވެ.

ކަނީ މިހެން ވިދާޅުވެފައި މިވަނީ 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އަލުން ފެށުމާ ބެހޭ ގޮތުން މެމްބަރު ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ. ވިއެނާ މަޝްވަރާ ތަކަކީ ނިއުކްލިއާ އެއްބަސްވުމާ ބެހޭ ގޮތުން އީރާނާއި އެމެރިކާ އެއް މޭޒުމަތިން މަޝްވަރާކުރަން ލިބޭ ފުރުސަތެކެވެ.

އީރާނުން ހިންގާ ނިއުކްލިއާ ޕްރޮގްރާމް މަޑުޖައްސާލުމުގެ ބަދަލުގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރާ ގޮތަށް އޮތް އެއްބަސްވުން މެދުކަނޑާލައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އަލުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.

އެއާއެކު އީރާނުން ވެސް ވަނީ 2015 ވަނަ އަހަރުގެ އެއްބަސްވުމާ ޚިލާފުވެ ނިއުކްލިއާ ޕްރޮގްރާމްގެ ހަރަކާތްތައް އިތުރު ކުރަން ފަށާފަ އެވެ. – އަލް އަރަބިއްޔާ