ރާއްޖޭގެ ތަރައްގީގެ ދުވެލި، މިހާރު ހުރީ ރަނގަޅު މިސްރާބުގައި ކަމަށާއި އެގޮތުން ގައުމީ އާމްދަނީއާ ގުޅިފައިވާ ސިނާއަތްތައް ކުރިއަރަމުން އަންނަނީ އުންމީދު އާކޮށްދޭ ގޮތެއްގައިކަމުގައި ފާހަގަކުރައްވާ މިއަދު ރާއްޖެ މިއޮތީ، ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ހާލަތެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އިސްނަންގަވައިގެން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އިފްތިތާޙު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދައުލަތާއި ޕްރައިވެޓް ސެކްޓަގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން މިހާރު ވަރަށް ބޮޑުވެފައިވާކަމުގައި ފާހަގަކުރައްވާފަ އެވެ. އެހެންކަމުން އެކައުންޓިން ޕްރޮފެސަން ތަރައްގީ ކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ހާއްސަ ގޮތެއްގައި އެކައުންޓަންޓުން ތަމްރީނުކޮށް ފަންނީ ގާބިލުކަން އިތުރު ކުރުމަށް ފުރުސަތުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ސޯލިހު ވަނީ ސަރުކާރުން އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްގީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން ރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ނަމުގައި، މިދިޔަ އަހަރު ގާނޫނެއް ހަދައި އަމަލުކުރަން ފަށާފައިވަނީވެސް އެކައުންޓެންސީ ދާއިރާއަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ވަސީލަތްތައް، މި ދާއިރާގެ ބޭފުޅުންނަށް ފޯރުކޮށްދިނުމުގެ މުހިންމު ބޭނުމުގައިކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެކައުންޓިން ދާއިރާގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކައުންޓިން ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއްކަމަށެވެ. އަދި މިދާއިރާ ހަރުދަނާވެ ފުޅާވި ވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ.

މި ޖަލްސާގައި ރައީސް ވަނީ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ގާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އަވަސް މަސައްކަތްތަކެއް ކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި އެކަމުގެ ސަބަބުން އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަގީންކަން ހޯދުމަށް މަގުފަހިވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވި އެވެ. މީގެ އިތުރުން މި ޖަލްސާގައި އެމަނިކުފާނު ވަނީ އެކައުންޓެންސީ ދާއިރާގެ މިންގަނޑުތަކާ އެއްގޮތަށް، އެކައުންޓެންޓުންގެ ފަންނީ އަދި އަހުލާގީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ބާރުއަޅުއްވާފަ އެވެ.

މި ޖަލްސާގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ވަނީ ރައީސަށް ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފަ އެވެ.