މިއީ އަހަރުމެންގެ މި މުޖުތަމައުގައިވެސް އާއްމު ވާހަކަ އެކެވެ. ޑިޕްރެޝަން އާއި ނަފްސާނީ ބަލީގެ ވާހަކަތަކަކީ ކޮންމެ ގޭބިސީއަކުން ވެސް މިހާރު އިވޭނެ އަޑެކެވެ. ނަމަވެސް ހަގީގަތަކީ ޑިޕްރެޝަންއާ ބެހޭ މުހިއްމު މައުލޫމާތުތައް ދިވެހިންނަށް އަދިވެސް ނޭނގޭ ކަމެވެ.

ބައެއް ހާލަތްތަކުގައި މާޔޫސްވުން ނުވަތަ ހިތްދަތިކަމާ ދެރަވުމާ “މޫޑު” ގޯސްވުމަކީ އޭގެޒާތުގައި ނުރައްކާ ކަމެއްނޫނެވެ. މިސާލަކަށް ދިރިއުޅުމެއް ހަލާކުވުން (ރޫޅުން)، އާއިލީ ގުޅުންތަކުން އެކަހެރިވުން، ތިމާގެ މީހަކަށް ގެއްލުމެއް ލިބުން، ސަބަބެއް ނޭގި ދެރަވެ ރޮވުން މިއީ ހަމަ ދިމާވެދާނެ ކަންކަމެވެ. އެހެން ނަމަވެސް ކުރިން މި ބަޔާން ކުރެވުނު އަލާމާތްތައް ނުވަތަ އިހުސާސްތަކުގެ ސަބަބުން ދިރިއުޅުމުގެ އާދައިގެ ކަންކަމަށް ހުރަސް އެޅޭނަމަ، ނުވަތަ ދިރިހުރުމަށް ބޭނުންވާ އަސާސީ ބޭނުންތައް (ކެއިން ބުއިން، ގައިން ތާހިރުވުން ފަދަކަންކަން) ފުއްދުމަށް ހުރަސް އެޅޭނަމަ މިއީ ވަރަށް ބޮޑު ޞިއްހީ މައްސަލަ އެކެވެ.

ބަޔާން ކުރެވުނު ކަންތައްތަކުގެ އިތުރުން އަމިއްލަ ނަފްސާ މެދު ދެކޭ ގޮތް ބަދަލުވުމާއި، ބޭކާރު މީހެއްގެ ގޮތުގައި އަމިއްލައަށް އިހްސާސްވުމާއި ދުނިޔޭގައި ހުރުމުގެ ބޭނުމެއް ނެތްކަމުގެ އިހްސާސްތައް ގިނަވެ އެހެން މީހުންނަށް ބުރައަކަށް ވެދާނެތީ މަރުވުމުގެ ހިޔާލުތައް އައުން ފަދަ އިހްސާސްތައް ދިގުދެމިލައި ދެ ހަފްތާ އަށްވުރެ ގިނަ ވުމަކީ އެކަމަށް އެކަށީގެންވާ ފަރުވާ ހޯދަން ޖެހޭ ކަމެކެވެ. ޑިޕްރެޝަންގެ ތައާރަފަކީ މިއީ އެވެ.

ބައެއް ފަހަރު އަޅުގަނޑުމެންނަށް މިވަނީ ކީއްކަން ނޭނގި، ހަށިގަނޑުގެ ތަންތަނުގައި ރިއްސަނީ އޭވެސް ހީވެދެ އެވެ. ގިނަފަހަރަށް ޑޮކްޓަރަށް ދައްކަން ދެވެނީ ވެސް ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި މޭގައި ރިއްސުންފަދަ ކަންތައްތަކާ އެކުގަ އެވެ.

ޑިޕްރެޝަން ދެނެގަންނާނީ ކިހިނެއް؟

ޑިޕްރެޝަން ދެނެގަތުމުގައި ތިން ވައްތަރެއްގެ އަލާމާތެއް ހުރެއެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ އަމިއްލަ ނަފްސާ ދޭތެރޭ ދެކޭ ގޮތް ދަށްވުމެވެ. ދެވަނަ ކަމަކީ އަމިއްލަ ނަފްސަށް މަލާމާތްކުރުން ނުވަތަ ބޭނުންނެތް މީހެކޭ ހީވުމެވެ. ތިންވަނަ ކަމަކީ ދެރަވާ މޫޑު އައުމެވެ. މީގެ އިތުރުންވެސް ގުޅުން ހުރި ސިފަތައް ފާހަގަ ކުރެވިދާނެއެވެ. މިސާލަކަށް ދިރިއުޅުމުގެ އެއްވެސް އުފަލެއް އިހްސާސް ނުވުން، މޫޑު ބަދަލު ވާންޖެހޭ ދަނޑިވަޅު ތަކުގައި މޫޑު ބަދަލު ނުވުން (އުފާވެރި ވަގުތު ތަކުގައި އުފާވެރިކަން ނެތުން)، އަމިއްލަ ނަފްސު ބޭކާރު ކޮށްލުން، އެއްވެސް ކަމެއް ކުރުމުގެ ޝައުގުވެރިކަން ނެތުން، އަދި އަމިއްލަ އަށް މަރުވުމުގެ ހިޔާލު އައުން ހިމެނެ އެވެ. ނަމަވެސް މީގެ ތެރެއިން ކަމެއް ހަމަ އެއްފަހަރު ދިމާވާއިރަށް އެއީ ޑިޕްރެޝަން އޭ ނުބުނެވޭނެ އެވެ.

ބަޔާން ކުރެވުނު އަލާމާތްތަކުގެ އިތުރުންވެސް މާޔޫސް ކަން ގެނުވާ އިހުސާސްތައް ބައެއް ފަހަރު މީހުންނަށް ކުރެވޭނެ އެވެ. އެއީ ޑިޕްރެޝަން އަށް ހާއްސަ ނޫން ސިފަތަކަކަށް ވެސް ވެދާނެ އެވެ. އެގޮތުން ފާހަގަ ކުރެވޭ ކަންތައްތަކުގެ ތެރޭގައި ހަމަ ނިދި ނުލިބުން (ނުވަތަ ނުނިދުން)، ޖިންސީ އެދުންވެރިކަމަށް ބަދަލު އައުން، ވަރުބަލިވުން، ކާހިތްވުން ނުވަތަ ކާހިތް ނުވުން، ބަރުދަނަށް ބަދަލު އައުން، އަދި ބޭރު ފުށުން ފެންނަ ބައެއް އަލާމާތްތައް ހިމެނެ އެވެ. މި ސިފަ ތަކަކީ ހަމައެކަނި ޑިޕްރެޝަނަށް ހާއްސަ ސިފަތަކެއް ނޫނެވެ.

ބަލީގެ ފަރުވާ އަކީ ކޮބާ؟

މި ބަލީގެ ފަރުވާގެ ތެރޭގައި ގިނަ ބައިތަކެއް އެކުލެވިގެންވެ އެވެ. ފަރުވާ ބެހިގެންވަނީ ޑިޕްރެޝަންގެ ވައްތަރު، ސަބަބު އަދި ބަލިޖެހިފައިވާ މިންވަރުގެ މައްޗަށެވެ. ފަރުވާގެ ތެރޭގައި ބޭސް (އެންޓި ޑިޕްރެޝަންޓް) ބޭނުން ކުރުން އަދި ސައިކޯ ތެރަޕީ ނެގުން ވަރަށް މުހިއްމެވެ. ބޭސް ބޭނުން ކުރަންވާނީ ކަމުގެ ހާއްސަ ޑޮކްޓަރެއްގެ ލަފާގެ މަތިންނެވެ. އަދި މިބަލި އެންމެ ބޮޑުވަރު ވެފައި ވާ މީހުން ނަށް އީސީ.ޓީ (އެލެކްޓްރޯ ކޮންވިއުސިވް ތެރަޕީ) ގެ ފަރުވާ ވެސް ދެވެ އެވެ.

ނަފްސާނީ ދުޅަހެޔޮކަމަށް ކުރެވިދާނެ ބައެއް މުހިއްމު ކަންތައް

މިފަދަ ބަލިތަކުން ރައްކާތެރި ވުމަށް ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރެވިދާނެ އެވެ. މިގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގަވާއިދުން ކަސްރަތުކުރުން، ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުން، ހަމަނިދި ނިދުން، އަޅުކަން ކުރުން، އަމިއްލަނަފްސަށް އިތުބާރު ކުރުން (ތައުރީފު ލިބި ގަތުން)، އެކުވެރިޔަކާއެކު ވާހަކަ ދައްކާލުން، މާޔޫސްކަން ވެރިވާހިނދު އެކަށީގެންވާ އެހީ ހޯދުން ފަދަ ކަންކަން ހިމެނެ އެވެ.