މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން މިއަހަރު ނޫސްވެރިކަމުގެ އެވޯޑު ދިނުމުގައި، ނޫސްވެރިންނަށް މާކްސް ދިން ގޮތުގެ ތަފުސީލް ދޭން އިއުތިރާޒެއް އޮތްތޯ ބަލަން ފަށައިފި އެވެ.

މައްސަލަ ބޮޑުވެފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑާ ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އަދި މިފަހަރު ގިނަ އެވޯޑްތައް ދީފައި ވަނީ މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ނިއުސް ހެޑްކަން ކުރައްވާ ސަންގު ޓީވީއަށެވެ. އެގޮތުން ސަންގުގެ ތިން ނޫސްވެރިއަކު އެވޯޑު ހާސިލް ކުރި އެވެ.

މީޑިއާ ކައުންސިލުން އިއުތިރާޒެއް އޮތްތޯ ބަލަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އޮންލައިންއިން ނޫސްވެރިކަމުގެ އިނާމު 2020 އާ ގުޅޭ ބައެއް މައުލޫމާތު ހޯދުމަށް އެދި އެ ކައުންސިލަށް ފޯމު ހުށަހެޅުމުން ކަމަށް އެ ކައުންސިލުން ނޫސްވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މިފަހަރުގެ އެވޯޑުގައި 8 ނޫސްވެރިއަކަށް އިނާމް ދިންއިރު "މިހާރު" ނޫހަށް ދެ އެވޯޑެއް ލިބިފައިވެ އެވެ.

އެގޮތުން ހޯދަން އެދިފައިވާ މައުލޫމާތުގެ ތެރެއިން ނޫސްވެރިކަމުގެ އިނާމު 2020 އަށް ހުށަހެޅި ފަރާތްތަކާ ސީދާ ގުޅުންހުރި ކަމަށް އެ ކައުންސިލަށް ފާހަގަ ކުރެވިފައިވަނީ:

  1. މާކްސްތައް އެއްކޮށްފައިވާ ގޮތުގެ ތަފްސީލު
  2. ވަކިވަކި ޖަޖުން މާކްސް ދީފައިވާ މާކްސް ޝީޓްތައް

އެމްއެމްސީން ބުނީ އެ މައުލޫމާތު އެ ފަރާތަށް ފޯރުކޮށްދިނުމަށް އިނާމަށް ކުރިމަތިލީ ފަރާތުގެ ހައިސިއްޔަތުން ތިޔަ ފަރާތުގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް އެ ކައުންސިލުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ކައުންސިލުން އެކަންކުރަނީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެ އެވެ.

"ވީމާ 25 ނޮވެމްބަރު 2021 ގެ ކުރިން ތިޔަ ފަރާތުގެ އެއްވެސް އިއުތިރާޒެއް ވާނަމަ އެކަން އަންވައިދެއްވުން އެދެމެވެ. މީގެ އިތުރުން މި މައުލޫމާތު އެ ފަރާތަށް ފޯރުކޮށްދިނުމުގައި ތިޔަ ފަރާތުގެ ހައްގު ހިމާޔަތްކުރުމަށް މި ކައުންސިލުން ސަމާލުކަންދޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ." ނޫސްވެރިންނަށް ފޮނުވި މެސެޖްގައި ބުނެފައިވެ އެވެ.

އެ އިނާމަށް ކުރިމަތިލި ނޫސްވެރިއަކު ބުނީ އެ އިނާމު ދިނުމުގައި މާކްސްތައް ދިން ގޮތާއި ޖަޖުން މާކްސްދިން މާކްސް ޝީޓްތައް ހާމަކުރުމުގައި ނޫސްވެރިން ކައިރިން އަހަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"އެމްއެމްސީން ވަކި ކަމެއް ސިއްރުކުރަން ނެތިއްޔާ އެ މާކްސް ޝީޓް ހާމަނުކުރަންވީ ސަބަބެއް ނެތް. އެ މާކްސް ދިން ގޮތަކީ ނޫސްވެރިޔާގެ ޒާތީ މައުލޫމާތެއް ނޫން. ނޫސްވެރިޔާ އެތަނަށް ހުށަހެޅީ އާއްމުކޮށްފައިވާ ލިޔުމެއް ނުވަތަ ވީޑީއޯއެއް. އެހެންވީމަ އެއަށް މާކްސް ދިން ގޮތެއް ހާމަކުރަން ނޫސްވެރިޔާ ކައިރިން އަހަން ޖެހޭ އެއްޗެއް ނޯންނާނެ،" އެ ނޫސްވެރިޔާ ބުންޏެވެ.

މިފަހަރުގެ އެވޯޑަށް ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ނޫސްވެރިންނާއި ގިނަ މީޑިއާތަކުން ކުރިމަތިލާފައިވެ އެވެ. އެގޮތުން ރާއްޖޭގެ ގިނަ ދުވަސްވީ މީޑިއާތަކުން ނޫސްވެރިން ކުރިމަތިލި ނަމަވެސް އެއިން އެއްވެސް ނޫސްވެރިއަކަށް އެވޯޑެއް ނުލިބެ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިނާމް ދިނުމުގެ ކަންކަން ކުރިއަށް ގެންދަނީ އުސޫލާ ހިލާފަށް ކަމަށް ބުނެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް ވަނީ މައްސަލައެއް ހުށައަޅާފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި މި ސިޓީގައި 15 މީޑިއާއެއްގައި މަސައްކަތް ކުރާ 80 އާ ގާތްކުރާ އަދަދެއްގެ ނޫސްވެރިންނާއި އެޑިޓަރުން ސޮއިކޮށްފައިވެ އެވެ.

ނޫސްވެރިކަމުގެ އެވޯޑުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ 22 ގައި ކައުންސިލުން އާންމުކޮށްފައިވާ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ އުސޫލާ ހިލާފަށް ކަމަށް ވެސް މި ސިޓީގައި ވަނީ ބުނެފަ އެވެ. އަދި ބައެއް މީޑިއާތަކުން މިމައްސަލަ ސިވިލް ކޯޓަށް ވެސް ހުށައެޅި އެވެ. ކޯޓުން ބޭރުން މައްސަލަ ހައްލުކުރުމުގެ މަރުހަލާގައި ދެ ފަރާތުން ވާހަކަދައްކައިގެން ވެސް މައްސަލައަށް ހައްލެއް ގެނެވޭ ގޮތެއް ނުވި އެވެ. އަދި މައްސަލައާއި ގުޅިގެން ބޭއްވި އަޑުއެހުމުގައި ގާޒީ ވަޒީ އެއީ ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް އެ މައްސަލަ އަލުން ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ.