އެންމެ ކުރީއްސުރެ އަހަރުމެންގެ މުޖުތަމަޢުގެ ތެރޭގައި އާލާވެފައި އޮތް ފިކުރެއް އޮވެ އެވެ. ގެވެށި އަނިޔާއާއި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވަނީ ހަމައެކަނި އަންހެނުންނެވެ. ދިރިއުޅުމުގައި ހިތާމަ ތަކާއި ވޭން ކުރިމަތިވަނީވެސް އަންހެނުންނަށެވެ. އެމީހެއްގެ ޖަޒުބާތުތައް އާއިލާއާއި އެކުވެރިންނާއެކު ހިއްސާކުރުން އާއްމުވެފައި އޮތީ ހަމައެކަނި އަންހެނުންގެ މެދުގަ އެވެ.

ފިރިހެނުންނަށް އޮތީ ހަށިގަނޑުގައި ކިތަންމެ ވޭނެއް އެޅިޔަސް ހިނިތުންވުމެއްގެ ފުރަގަހުގައި އެކަން ފޮރުވުމެވެ. ހިތުގައި ކިތަންމެ ޝިކާޔަތެއް އޮތަސް އުފާވެރި މޫނަކާއެކު ދުނިޔެއާއި ކުރިމަތިލުމެވެ. މުޖުތަމަޢުގެ ތެރޭގައި "ރަނޑު" މީހެއްގެ ގޮތުގައި ނަންވާނެތީ އެވެ. ބަލިކަށި މީހެއްގެ ގޮތުގައި އާއިލާއަށް ސިފަވާނެތީ އެވެ.

ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮކަމަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އަޅާނުލެވި އޮތް މާއްދާއެކެވެ. ގެވެށި އަނިޔާއާއި ޖިންސީ އަދި މިނޫން ވެސް ތަފާތު ބާވަތްތަކުގެ ޝިކާރައަކަށް ވާ ފިރިހެނުންގެ އަދަދު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދާއިރު މިއީ އަޅުގަނޑުމެންގެ ސަމާލުކަން ހުއްޓެންވެފައި އޮތް ބޮޑު މައްސަލައެކެވެ.

ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ކޮންމެ 10 ފިރިހެނުންގެ ތެރެއިން އެކަކަކީ އެމީހެއްގެ އުމުރުގެ ކޮންމެވެސް ހިސާބެއްގައި އަނިޔާއެއްގެ ޝިކާރައަކަށް ވެފައިވާ މީހެކެވެ. ރާއްޖޭގައި އަދާ ޖެހެންދެން މިފަދަ ދިރާސާއެއް ހެދިފައިނުވާއިރު މި ކުޑަކުޑަ މުޖުތަމައުގެ ތެރޭގައި ވެސް ފިރިހެނުންނަށް ލިބޭ އަނިޔާ އިތުރުވެ އެކަމަށް އެދެވޭ ހައްލެއް ލިބިފައި ނެތުމަކީ ކަންބޮޑުވާންޖެހޭ އަދި އެހާމެ ހިތާމަވެރި ކަމެކެވެ.

އަޅުގަނޑުމެންގެ ޚިޔާލާއި ފިކުރު ބަދަލު ކުރަން ވެއްޖެ އެވެ. ވިހިވިހީގެ އަހަރުތަކާއި ދުނިޔެ ކުރިމަތި ލިއިރު އަޅުގަނޑުމެންގެ ތެރޭގައި މިއޮތް ބޯދާ ވިސްނުން ތަހުޒީބު ކުރަން ވެއްޖެ އެވެ. އަނިޔާ ލިބެނީ ހަމައެކަނި އަންހެނުއްއަށް ނޫންކަން ދަނެ ޤަބޫލު ކުރަން ވެއްޖެ އެވެ.

އެހެނީ އާޚިރުގައި އަޅުގަނޑުމެން އެންމެންނަކީ ވެސް އިންސާނުންނެވެ. ޖާނުން ވަރުގަދަވި ނަމަވެސް ފިރިހެނުންގެ ޖިސްމުގައި ވެސް ޖަޒުބާތުތަކާއި އިޙްސާސްތަކެއް ލައްވަވާފައިވެ އެވެ. އަންހެނުންނަށް ތަޙައްމަލު ކުރުމުގެ ބާރު ތިންގުނަ އިތުރަށް ދެއްވާފައިވާކަން ހަދީސާއި ސުންނަތުން ސާބިތުވާއިރު ފިރިހެނުންނަށް ލިބޭ މިފަދަ އަނިޔާތަކާއި މެދު އިހުމާލުވެވެނީ ކީއްވެތޯ އެވެ.

އަޚާ އެވެ! ތިބާއަކީ އެއްވެސް ބާވަތެއްގެ އަނިޔާއެއް ލިބެމުންދާ ފަރާތެއްނަމަ ދަންނާށެވެ. ތިބާއަށް ލިބެމުންދާ އަނިޔާއާއި ދެކޮޅަށް އަޑު އުފުލުމުގެ ހައްގު ތިބާއަށް ލިބިގެންވެ އެވެ. މުޖުތަމައު ބަލައިނުގަނެދާނެ ކަމުގެ ބިރަށްޓަކައި އަމިއްލަ ނަފްސު ހަލާކަށް ދޫކޮށް ނުލާށެވެ. އެހެނީ ނަފްސާނީ ދުޅަހެޔޮ ކަމަކީ ތިބާގެވެސް ހައްގެކެވެ. ހިތުގައި ވާ އިޙްސާސްތައް އިތުބާރު ކުރެވޭ ފަރާތަކަށް ކިޔައިދޭށެވެ. ބޭނުންވާ ޙާލަތެއްގައި ނަމަ ސިއްޙީ ތަޖުރިބާކާރުންގެ ލަފާ ހޯދާށެވެ.

ދަންނާށެވެ. އަނިޔާ ލިބި އެކަމުން މިންޖުވާން މަސައްކަތް ކުރުން އޮތީ ހަމައެކަނި އަންހެނުނަކަށް ނޫނެވެ. އަނިޔާގެ ޝިކާރައަކަށްވެ އެކަމުން އަރައިގަނެ މިއަދު އުފާވެރި ހަޔާތެއް ވޭތު ކުރަމުންދާ ތިބާފަދަ އެތައް ބަޔަކު ވެއެވެ. ތިބާވެސް އުފާވެރި ޙަޔާތަކަށް ޓަކައި ފުރުތަމަ ފިޔަވަޅު ނަގާށެވެ.