އެއީ ލޯބިވެތި ދަރި އެކެވެ. ނުރައްކާތަކުން ރައްކާތެރިކޮށްދޭ ބޭބެއެއް ނުވަތަ ކޮއްކޮ އެކެވެ. ހިތްހެޔޮ ފިރިއެކެވެ. ޒިންމާދާރު ބައްޕަ އެކެވެ. ހެޔޮ އެދޭ ރަހްމަތްތެރި އެކެވެ. އާއެކެވެ. އެއީ ފިރިހެނެކެވެ.

އަހަރުމެންގެ މުޖުތަމައުގައި ފިރިހެނުންގެ ޒިންމާތަކާއި ދައުރުގެ ތަސައްވަރު އޮންނަނީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގަ އެވެ. ޒަމާނުއްސުރެ ދެކެވިފައި އޮންނަ ގޮތުގައި ފިރިހެނުންގެ ޒިންމާއަކީ ގޭތެރޭގެ ހަރަދު ބަރަދު ބެލެހެއުޓުމެވެ. ބަލަދުވެރިކައން އަރާ ފަރާތްތަކަށް ރަނގަޅު ދިރުއުޅުމެއް ހޯދައިދިނުމެވެ.

ފިިރިހެނުންގެ އަމިއްލަ ސިއްހަތާއި ދުޅަހެޔޮ ކަމުގެ ވާހަކައަކީ ނުދެކެވޭ ވާހަކަ އެކެވެ. ނުވަތަ ދައްކަން ބޭނުންނުވާ ވާހަކަ އެކެވެ. އެމީހުންގެ މަސައްކަތާއި ގުރުބާނީއަކީ ޒިންމާތަކުގެ ނަމުގައި ވަޅުލެވިފައިވާ ކަންކަމެވެ.

ގައިގައި ކިތަންމެ ވޭނެއް އެޅިއަސް ފިރިހެނެއް ވިއްޔާ ފިރިހެންވަންތަ ކަމުގެ ނިވަލުގެ އެ ވޭން ފޮރުވަން ޖެހެ އެވެ. އެހެން ނޫންނަމަ މުޖުތަމައުގެ މަލާމާތާއި ފުރައްސާރަ އަމާޒުވެ އެވެ.

ބޯދާ ޒަމާނުގެ އެ ފިކުރާއި ވިސްނުން މިއަދު ދޫކޮށްލަން ވެއްޖެ އެވެ. އަންހެނުންނާ އެއްވަރަށް ފިރިހެނުންގެ ނަފްސާނީ ދުޅަހެޔޮަކަމަށް ސަމާލުވާން ޖެހެ އެވެ. ގޭތެރޭގައި އަނބިންނާ އެއްވަރަށް ފިރިންގެ ދައުރުވެސް އިތުރު ކުރަން ވެއްޖެ އެވެ.

މިއަދު މި ފާހަގަ ކުރާ ފިރިހެނުންގެ ދުވަހަކީ މިފަދަ ބަދަލުތަކެއް ފަށައިގަންނަވީ ދުވަހެވެ. ފިރިހެނުންގެ މަސައްކަތާއި ގުރުބާނީ ފާހަގަ ކުރަންވީ ދުވަހެވެ. ދެޖިންސުގެ ހަމަހަމަކަން އަންގައިދޭންވީ ދުވަހެކެވެ. އެހެންކަމުން މިއަދަކީ ފާހަގަ ކުރުން ކޮންމެހެން މުހިއްމު ދުވަހެކެވެ.