ދަތުރުކުރާ އިރު އެންމެ ފުރަތަމަ އިސްކަމެއް ދޭންވާނީ ދަތުރުމަތީގައި އުޅޭއިރު ވީހާވެސް ފަސޭހަ އެއްޗެއް ލުމަށެވެ. ދަތުރުމަތީގައި ލަގެޖް އުފުލާ ގިނަ އިރުތަކެއްވަންދެން ކޮޅަށް ހުންނަން ޖެހޭ އިރު، ލެވޭ އެއްޗެއްގެ ސަބަބުން މާބޮޑަށް އުނދަގޫވާ ފަހަރު އާދެ އެވެ. ގިނަ ފަހަރަށް ލާނެ އެއްޗެއް ނިންމަން ޖެހެނީ ދަތުރުގެ ކުރު ދިގުމިނަށް ވެސް ބަލާފަ އެވެ. ކަން މިހެން އޮތުމާ އެކީވެސް ކޮންމެ މީހަކު ވެސް ވިސްނާނީ ވީހާ ވެސް ރީތިކޮށް ހެދުން އެޅޭތޯ އެވެ. އެހެން ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ދަތުރުކުރާއިރު ލާންވީ އެއްޗެހީގެ ވާހަކައެއް ނޫނެވެ. ނުލާންވީ އެއްޗެހީގެ ވާހަކަ އެވެ.

އުސް ފައިވާން

މިއީ ދެން ނުބުންޏަސް އެނގެން ޖެހޭނެ ކަމެކެވެ. އުސްފައިވާނަށް އެރުމުން މުޅި މީހާގެ ބަރުދަން ހުންނާނީ ފުންނާބަށެވެ. އަދި މިހާލަތުގައި ބަރު ލަގެޖް އުފުލަން އުޅެފިއްޔާ މުޅި ދުވަހު އުޅެން ޖެހޭނީ ފަޔަށް ތަދުވާތީ އެވެ.

އާ ހެދުން

ބައެއް މީހުންނަކީ ފުރަން އޮންނަ ދުވަހަށް ހާއްސަ ކޮށް އާ ހެދުން ފަހާ ތައްޔާރުވާ މީހުންނެވެ. އެކަމަކު މިއީ ނިކަން ނުރައްކާ ބޮޑު ކަމެކެވެ. ބައެއް ފަހަރު އާހެދުންތަކުންގެ މެޓީރިއަލްގެ ގޮތުން ގައި ހިރުވާ ކަހަލަ ގޮތްތަކެއް ވެސް ވެ އެވެ. އަދި ދަތުރުމަތީގައި ކެއިންބުއިމުގެ ތެރޭގައި ކާއެއްޗެއް އެޅި ނުވަތަ އެހެން ވެސް އެއްޗެއް ޖެހި ހަލާކުވުމުގެ ބިރުވެސް އޮވެ އެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ހަލާކުވެދާނެ ކަމުގެ ބިރެއް ނޯންނަ ވީހާ ވެސް ފަސޭހަ ހެދުމެއް ލުމެވެ.

އުނގަދޫ ފޮތީގެ ހެދުން

ބައެއް ވައްތަރުގެ ފޮއްޗަކީ ވަރަށް ބޯ އަދި ލައިގެންހުންނަ އިރު ވަރަށް ހޫނުވާ ފޮއްޗެވެ. އެގޮތުން ޕޮލިސްޓަރު ފޮއްޗާއި، ފިނި ނޫންނަމަ ސްވެޓަރު ފަދަތަކެތި ލުމަކީ ބުއްދިވެރިކަމެއް ނޫނެވެ.

މާ ދޫ/ ބާރުކޮށް ހުންނަ ހެދުން

ސެކުއިރިޓީއިން އަވަހަށް ސަލާމަތްވާން ބޭނުންނަމަ ކިތަންމެ އަރާމަކަސް މާ ބޮޑަށް ދޫހެދުން ލުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ސަބަބަކީ ދޫ ހެދުން ލައިގެން ހުރީ ގައިގައި އެއްޗެއް ހަރުކޮށްގެން ނުވަތަ ފޮރުވައިގެން ކަމަށް އެއާޕޯޓު ސެކިއުރިޓީއަށް ޝައްކު ކުރެވިދާނެތީ އެވެ. ބާރު ހެދުންލުމުގެ ސަބަބުން ބައެއް ފަހަރު ނޭވާލާން އުނދަގޫވެ މުޅި ދަތުރު އުނދަގޫކަންމަތީ އުޅެން ޖެހިދާނެ އެވެ.

ފެންފައިވާން

ފެންފައިވާނަށް އަރައިގެން އުޅުމަކީ ނިކަން އަރާމު ކަމެކެވެ. އެހެން ނަމަވެސް ދަތުރުކުރާއިރު މިއީ އެންމެ ރަނގަޅު އޮޕްޝަނެއް ނޫނެވެ. ފެންފައިވާނަކީ އޭގެ ޒާތުގައި ފަޔަށް މާބޮޑު ސަޕޯޓެއް ދޭ އެއްޗެއް ނޫނެވެ. އަދި ފްލައިޓްގައި ދަތުރުކުރާއިރު ފައި ހާމައަށް އޮތުމުން މާބޮޑަށް ފިނިވާން މެދުވެރިވެ އެވެ. އެހެން ކަމުން އެންމެ ރަނގަޅީ ބޫޓަކަށް އަރައިގެން ހުރުމެވެ.