ވޮޝިންޓަން (21 ނޮވެމްބަރު) - ޔޫކްރެއިންގެ ބޯޑަރުގައި ރަޝިއާއިން ހިންގާ އަސްކަރީ ހަރަކާތްތަކާމެދު އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސެނެގާލްއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ސެކެޓްރަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން ވިދާޅުވީ ޔޫކްރެއިން އާއި ރަޝިއާ ގުޅޭ ބޯޑަރު ކައިރީގައި ރަޝިއާއިން ކުރިއަށް ގެންދާ އާދަޔާ ޚިލާފު އަސްކަރީ ހަރަކާތްތަކާއި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ކަންކަމާ މެދު ކަންބޮޑުވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ކަންބޮޑުވުންތަކަކީ އެމެރިކާގެ އިތުރުން އެގައުމަށް ވާގިވެރިވާ ހުޅަނގުގެ އެހެން ގައުމުތަކުގެ ވެސް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އޭނާގެ ވާހަކަތަކުގައި ރަޝިއާއިން ޔޫކްރެއިންގެ ބިމެއް ހިފަން އުޅޭކަމުގެ މައުލޫމާތެއް އެމެރިކާގެ އިންޓަލިޖަންސަށް ލިބިފައިވާ ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.
"ރަޝިއާގެ ރައީސް ޕުޓިންގެ ވިސްނުންފުޅު ހުރިގޮތެއް ނޭނގުނަސް މީގެ ކުރިން ކަންތައްތައް ވެފައި ހުރި ގޮތް އަހަރުމެންނަށް ވަނީ ފެނިފައި،" ބްލިންކަން ވިދާޅުވި އެވެ.
2014 ވަނަ އަހަރު ވެސް ރަޝިއާއިން ވަނީ ދެ ގައުމު ގުޅޭ ބޯޑަރު ކައިރީގައި އަސްކަރީ ހަރަކާތްތަކެއް ހިންގައި ޔޫކްރެއިންގެ ބިމުގެ ސަރަހައްދެއް ހިފާފަ އެވެ. އެކަމުގެ ސަބަބުން ޔޫކްރެއިންގައި ބޮޑު ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާގެ ރައީސް ވްލަމިދިރް ޕުޓިން ވަނީ ޔޫކްރެއިން އާއި އެ ގައުމުގެ މަޝްރަހު ހޫނުކުރުމަށް ހުޅަނގުގެ ބައެއް ގައުމުތަކުން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ކޮށްފަ އެވެ. – އަލް އަރަބިއްޔާ