އަހަރެމެން ކެއުމުގައި ގިނަ ބާވަތްތަކެއް ބޭނުން ކުރާއިރު އެއިން ލިބޭ ގެއްލުން ވިސްނާލެވެނީ މަދު ބަޔަކަށެވެ. ހާއްސަކޮށް ތައްޔާރީ ކާނާ ބޭނުން ކުރާއިރު ސިއްހަތަށް ވުރެ ބޮޑަށް ވިސްނާލެވިފައި އޮންނަނީ އެއިންދޭ މީރު ރަހަޔަށެވެ. އެގޮތުން ތިރީގައި އެވަނީ އާންމުކޮށް ބޭނުންކުރާ ތަކެތީގެ ތެރެއިން ކެންސަރު ޖެހުމަށް މަގުފައިވާ ތިން ބާވަތަކަށެވެ.
ސޮސެޖް
ސޮސެޖަކީ ދިވެހިން އާންމުކޮށް ބޭނުން ކުރާ ބާވަތެކެވެ. ހާއްސަކޮށް ހެނދުނު ސައި ބުއިމުގައި ނުވަތަ ފްރައިޑް ރައިސް ތައްޔާރު ކުރާއިރު އާއްމުކޮށް ދިވެހިން މިހާރު ސޮސެޖް ބޭނުން ކުރެ އެވެ. މީގެ އިތުރުން ކުޑަކުދިންނަށް ވެސް ސޮސެޖަކީ ވަރަށް ކަމުދާ އެއްޗެކެވެ. ސޮސެޖްގެ އިތުރުން ޕެކްކޮށްފައި ހުންނަ މަސް ނުވަތަ ޕްރޮސެސްޑް މީޓް އަކީ ކެންސަރު ޖެހުމަށް މަގުފައިވާ ބާވަތްތަކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި ފަދަ މަހުގައި ހުންނަ ލޮނު އަދި ކެމިކަލްސް އަކީ ހަށިގަނޑަށް ނުރައްކާ މާއްދާތަކެކެވެ.
ފިޒީ ޑްރިންކްސް
ފިޒީ ޑްރިންކްސް ތެރޭގައި ގިނައިން ބޭނުން ކުރެވޭ ކޮކާ ކޯލާ ފެންޓާ ފަދަ ތަކެތި ހިމެނެ އެވެ. މިފަދަ ބުއިންތަކުން ދުވާލަކު އެއްދަޅު ބޭނުން ކުރިނަމަވެސް ކެންސަރު ޖެހުމުގެ ފުރުސަތު އިތުރުކޮށްދެ އެވެ. ފިޒީ ޑްރިންކްސް ބޭނުން ކުރުމުން ހަށިގަނޑަށް ބޭނުންނުވާ ކެލޮރީސް ގިނައިން އެތެރެ ވެއެވެ. މީގެ އިތުރުން ގޭސްޓްރިކް ގެ އުދަނގޫޖެހި ބަނޑުގައި އެސިޑް ލެވެލް އިތުރުވެ އެވެ.
ޕޮޓޭޓޯ ޗިޕްސް
ޕޮޓޭޓޯ ޗިޕްސް އަކީ ހާއްސަކޮށް ކުޑަކުދިންގެ މެދުގައި މަގުބޫލް އެއްޗެކެވެ. ޕޮޓޭޓޯ ޗިޕްސްއަކީ ގިނަ އަދަދަކަށް ޓްރާންސް ފެޓް ހިމެނޭ ބާވަތެއްކަމުން މިއީ ކެއުމުން އެންމެ އަވަހަށް ދުރުވާންވީ އެއްބާވަތެކެވެ. ޓްރާންސް ފެޓް ގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް މަތިވެ ބްލަޑް ޕްރެޝަރު މަތިވެ އެވެ.