ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖުތަމައު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ތުރުކީވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްޓަކައި މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި އެވެ.
ހަރުކަށި ފިކުރާއި، ޓެރަރިޒަމްގެ އަމަލުތައް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއިން އަބަދުވެސް އެކުވެރި ގައުމުތަކާއި ގުޅިގެން މިމައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ރާއްޖެއާއި ތުރުކީގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ސައުގުވެރިކަން ފާޅުކުރައްވައި، ތުރުކީގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފަ އެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. މިބައްދަލުކުރެއްވުމުގައި ތުރުކީ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ތުރުކީގެ ކުންފުނިތަކަށް ކުރިމަތިވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތުރުކީގެ ތައުލީމާގުޅޭ މުއައްސަސާތައް މެދުވެރިކޮށް ދިވެހިންނަށް ތަމްރީނާއި މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފަ އެވެ. މީގެ އިތުރުން ރައީސް ވަނީ ދިވެހި ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސް ބޭފުޅުން ތަމްރީނު ކުރެއްވުމުގައި ތުރުކީ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ އައު ސަފީރުގެ ދައުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާފަ އެވެ.
ރާއްޖެއާ ތުރުކީވިލާތާ ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1979 ވަނަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހުގަ އެވެ. އަދި މި އަހަރަކީ މި ދެ ޤައުމު ސިޔާސީ ގުޅުން ގާއިމުކުރިތާ 42 އަހަރު ފުރޭ އަހަރެވެ. މި ދެ ގައުމުގެ ގާތްގުޅުން ދެމެހެއްޓުމަށް ރާއްޖެއިން ވަރަށް ބޮޑު އަހުމިއްޔަތުކަމެއްދޭކަން ފާހަކުރައްވަމުން ރައީސް ވަނީ ތުރުކީ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.