ގެންގުޅެވޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ވެސް ހަންގަނޑުގެ ރީތިކަން ގެއްލެން މެދުވެރިވެ އެވެ. ބައެއްފަހަރު މިހެން ވަނީ އެނގި އެނގި ހުރެ ވެސް ފަރުވާކުޑަ ކޮށްލެވުމުންނެވެ. ބައެއް ފަހަރު މާ މޮޅުކޮށްލަން ހަދައިގެން ނުވަތަ ފަރުވާ ކުޑަވެގެން ވެސް ގައިގެ ހަންގަނޑު ހަލާކުވެ އެވެ. މިއީ އޭގެ ތެރެއިން ބައެއް ކަންކަމުގެ ވާހަކަ އެވެ.

މޫނުގައި ހުންނަ މޭކަޕްތަކާއެކު ނިދުން

ރޭގަނޑު ބޭރުގައި އުޅެފައި ވަރުބަލިވެގެން އައިސް އެ ހުރި ގޮތަށް އެނދަށް ވެއްޓިގަންނަ މީހުން މަދެއް ނުވާނެ އެވެ. މޫނުގައި ހުންނަ މޭކަޕްތަކާ އެކު ނިދުމުން، ހަމުގައި ހުންނަ ލޯވަޅުތައް ބެދި ބޮޑުވެ އެވެ. ރަނގަޅު ގޮތަކީ ނިދުމުގެ ކުރިން މޫނު ސާފު ކުރުމެވެ. ފަސޭހަކޮށްލަން، ނިދާ އެނދުގެ ހެޑްބޯޑު މަތީ ނުވަތަ އަތްފޯރާ ހިސާބުގައި ސައިޑް ޓޭބަލް މަތީ މޭކަޕް ވައިޕްކޮޅެއް އަބަދުވެސް ބަހައްޓާށެވެ. އެއްވެސް ވަރަކަށް ސާފުނުކޮށް ނިދުމަށް ވުރެ ކޮންމެވެސް ވަރެއް ކޮށްލެވުނަސް ރަނގަޅުވާނެ އެވެ.

މޫނު ރަނގަޅަށް ސާފުނުކުރުން

މޭކަޕް ކުރިޔަސް ނުކުރިއަސް މޫނު ސާފުކޮށް ބަހައްޓަން ސަމާލުކަން ދޭން ޖެހެ އެވެ. މާ ތެޔޮ ހަންގަނޑެއް ނަމަ ދޮވެ ދޮވެ ތެޔޮތައް އެކީ ނައްތައިލަން އުޅޭ ކުދިން ވެސް ފެނެ އެވެ. އެކަމަކު އޭރުން ހައްތަހާ ހަންގަނޑު ވާނީ ގޯހެވެ. އިތުރަށް ތެޔޮވިޔަ ނުދިނުމަށްޓަކައި މިފަދަ މީހުން ބޮޑަށް ތެޔޮވާ ކަހަލަ އާދަތަކާއި ދުރުވެލުން ރަނގަޅު ވާނެ އެވެ.

މޭކަޕް ފިހިތައް ނުދޮވެ ބެހެއްޓުން

މޭކަޕް ފިހިތައް ގިނަ ދުވަހު ނުދޮވެ ބެހެއްޓުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެފިހިތަކުގައި ހަރުލާފައި ހުންނަ ބެކްޓީރިއާތަކުގެ ސަބަބުން ހަންގަނޑު ހިރުވައި ބިހި ނަގައި މިފަދަ އެތައް މައްސަލައެއް ދިމާވެ އެވެ. އެހެންވެ ފިހިތައް އަބަދުވެސް ބަހައްޓަން ވާނީ ރަނގަޅަށް ދޮވެ ސާފުކޮށްފަ އެވެ. އެކަމަށް ހާއްސަކޮށް އުފައްދާފައި ހުންނަ ޕްރރޮޑަކްޓައް ވެސް ބާޒާރުން ލިބެން ހުރެ އެވެ. ގޫގަލް ކޮށްލުމުން ފަސޭހަ އިތުރު ގޮތްތައް ވެސް ފެނިގެންދާނެ އެވެ.

ބިހި ކޮށްޓުން

ބިހިކޮށްޓުމުން އެލާ ލަކުނު އެއްކިބައިގައި އޮއްވައި އެއީ އިތުރު ބިހިތައް ނެގުމަށް ވެސް ދިމާވާ ކަމެކެވެ. ރަނގަޅު ގޮތަކީ ބިއްސެއް ނަގައިފި ނަމަ އޭގެ ދުޅަ ތިރިކޮށްލަން ކޮންމެވެސް ބޭހެއް ބޭނުންކޮށްގެން އަތް ނުލައި ކެތްކޮށްލުމެވެ.

ދާވެފައި ހުންނަ ތަންމަތީގައި ނިދުން

ހަށިގަނޑު ސާފުކުރާ ފަދައިން ނިދާ ތަންމަތި ވެސް ސާފުކޮށް ބަލަހައްޓަން ޖެހެ އެވެ. ފެންވަރާ ރީތިވެގެން ހުރެ ދަލާއި ހަޑި އަދި ބެކްޓީރިއާ ހަރުލާފައި ހުންނަ ތަންމައްޗެއްގައި ނިދާ ނަމަ ގައިން ތާހިރުވުމުގެ ބޭނުމެއް ނެތެއް ނޫން ހެއްޔެވެ؟ ރަނގަޅު ގޮތަކީ ގިނަދުވަސް ނުކޮށް ތަންމަތި ދޮވުމެވެ. އަދި ބޯ އަޅާ ބާލީހުގައި ސިލްކް އުރައެއް ލައްވައިފި ނަމަ ހަންގަނޑަށް ލިބޭ ފައިދާ އެތައް ގުނައެއް އިތުރުވެ އެވެ. އެއީ ސިލްކުގައި ބެކްޓީރިއާ ހަރުލާލެއް މަދުވެ އެވެ. އަދި އިސްތަށިގަނޑު ގޮށްޖެހޭލެއް ވެސް މަދުވާނެ އެވެ.