ޓްރިޕޮލީ (25 ނޮވެމްބަރު) - ލީބިޔާގައި އަންނަ ޑިސެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވާފައިވާ ކުރީގެ ރައީސް މުއައްމަރު ޣައްޒާފީގެ ދަރިކަލުން ސައިފް އަލް އިސްލާމް ޣައްޒާފީގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އޭނާގެ ކެނޑިޑެންސީ ބާތިލުކޮށްފި އެވެ.

ޣައްޒާފީއަކީ އިންތިހާބުގައި ވާދަކުރަން ހުށައެޅި 98 ކެނޑިޑޭޓުންގެ ތެރެއިން ކެނޑިޑެންސީ ބާތިލު ކުރެވުނު 25 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނޭ އެއް ފަރާތެވެ.

އިންތިހާބު ކައިރިވެފައިވާ މި ދަނޑިވަޅުގައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ޝަރުތުތަކާމެދު އިލެކްޝަން ކޮމިޝަނާއި އާއްމުންގެ އިތުރުން އެކި މުއައްސަސާތަކުގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފަ އެވެ.

ސައިފްގެ ކެނޑިޑެންސީ ބާތިލު ކުރެވިފައިވަނީ 2015 ވަނަ އަހަރު އޭނާގެ މައްޗަށް އުފުލާފައިވާ ހަނގުރާމައިގެ ކުށްތަކުގެ ދައުވާގެ ސަބަބުންނެވެ. އޭނާއަކީ ބައްޕަ މުއައްމަރުލް ޣައްޒާފީގެ ރިޔާސަތުގައި އެ ގައުމަށް ގެނައި އިންގިލާބުގައި އިސްކޮށް ހުރި ފަރާތެކެވެ. އެހެން ނަމަވެސް ސައިފް ވަނީ މި ތުހުމަތުތަކަށް ދެކޮޅު ހަދާފަ އެވެ.

ސައިފްގެ އިތުރުން ވެސް އިންތިހާބުގައި ވާދަކުރަން ނަން ހުށައެޅި ވަރުގަދަ ސިޔާސީ ޝަހްސިއްޔަތުންތަކެއްގެ ކެނޑިޑެންސީ ވަނީ ބާތލު ކުރެވިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ އިންތިގާލީ ބޮޑުވަޒީރު އަބްދުލްހަމީދު އަލްދިބައިބާއާއި ޚަލީފާ ހަފްތާރު ހިމެނެ އެވެ.

އަބްދުލްހަމީދު މިހާރު ހުންނެވި މަގާމުގައި ހުންނަވައިގެން އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށް ނިންމިއިރު ޚަލީފާގެ ކެނޑިޑެންސީ ބާތިލު ކުރެވުނީ އެމެރިކާގެ ރައްޔިތުކަން އޮތުމުންނެވެ.

އދ. އިން ލީބިޔާއަށް ކަނޑައަޅާފައިވާ ހުންނަ ސަފީރު ޖޭން ކުބިސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ގައުމުގެ ޖުޑީޝަރީއިން އެންމެ ފަހުގެ ނިންމުން ނިންމާނެ ކަމަށެވެ. – އަލް އަރަބިއްޔާ