ކޮރޯނާ ވައިރަސްގެ ނުރައްކާ އާއްމު ވެފައިވާ މި ދަނޑިވަޅުގައި ކޮންމެ ވަގުތަކީވެސް އަމިއްލަ ސިއްހަތާއި އެހެން މީހުންގެ ސިއްހަތަށް ފަރުވާވެ ތިބެންވީ ވަގުތެކެވެ. ނަމަވެސް ވައިރަހުގެ ނުރައްކާ ވަކި ވަގުތެއްގައި ބޮޑުވާކަން އެނގޭނަމަ އެކަމަށް ސަމާލުވެ ތިބެން ފަސޭހަ ވާނެ އެވެ.
ހެނދުނުގެ ވަގުތެއްގައި ހަށިގަނޑަށް ވައިރަހެއް ވަދެއްޖެ ނަމަ އެ ވައިރަހުގެ ނުރައްކާ ހަށިގަނޑަށް މާބޮޑަށް ކުރާ ކަމަށް ޔުނިވަސިޓީ އޮފް ކެމްބްރިޖްގެ ދިރާސާއަކުން މިވަނީ ދައްކައިފަ އެވެ.
މި ދިރާސާއިން ދެއްކި ގޮތުގައި ވައިރަހެއް ހެނދުނުގެ ވަގުތެއްގައި ހަށިގަނޑަށް ވަދެފި ނަމަ އެ ވައިރަހުން އިންފެކްޓު ވުމުގެ ނުރައްކާ 10 ގުނަ އިތުރަށް އޮވެ އެވެ. އަދި ޝިފްޓް ޑިއުޓީގައި މަސައްކަތްކުރުން ފަދަ "ބޮޑީ ކްލޮކް" އަށް ބަދަލު އަންނަ ހާލަތުގަ އާއި ޖެޓް ލަގް ފަދަ ކަންކަމުގެ ސަބަބުން ވެސް ހަށިގަނޑަށް ވައިރަސް ވަދެގަނެ އިންފެކްޓްކުރަން ފަސޭހަ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.
މިއީ އާންމުކޮށް ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމުގައި އާ ގޮތްތަކެއް ހޯދުމަށް މަގު ފަހިވެގެން ދިޔަ ދިރާސާއެއް ކަމަށް ސައިންސްވެރިން ބުނެފައިވެ އެވެ.
ބެކްޓީރިއާ އާއި ޕެރަސައިޓާ ޚިލާފަށް ވައިރަސް އަކީ ސެލްތަކުގެ ތެރެއަށް ވަދެ އިތުރުވެގަންނަ އެއްޗެކެވެ. މި ސެލްތައް ބޮޑީ ކްލޮކްއާ ގުޅޭ ގޮތުން ހަށިގަނޑު ތެރޭގައި އިތުރުވެގަނެ އެވެ. ދިރާސާގައި، މީދަލަށް އާންމު ރޯގާތަކުގެ ވައިރަސް ޖެއްސި އެވެ. ދިރާސާއިން ދެއްކި ގޮތުގައި ހެނދުނު ވަގުތު ވައިރަސް ޖެއްސި މީދާތަކުގެ ހަށިގަނޑުގައި ވައިރަސް ހުރި މިންވަރު، އެހެން ވަގުތުތަކުގައި ވައިރަސް ޖެއްސި މީދާތަކުގައި ހަށިގަނޑުގައި ހުރި ވަރަށް ވުރެ 10 ގުނަ އިތުރެވެ. ހެނދުނު ވަގުތު ހަށިގަނޑަށް ވަން ވައިރަސްތަކާ ހިލާފަށް އެހެން ވަގުތުތަކުގައި ވައިރަސްތައް ހަށިގަނޑުގައި އަށަގަންނަން ކުރާ މަސައްކަތް ނާކާމިޔާބުވާ މިންވަރު އިތުރެވެ.
"ވައިރަހަކަށް ވެސް ހަށިގަނޑުގައި ގަދަވެގަތުމަށް ބޭނުންވާ ކަންތައްތަކެއް ހުންނާނެ. އެ ހުރިހާ ކަމެއް ފުރިހަމަވެގެން ވައިރަހަށް ސަލާމަތްވެ އިތުރުވާން ފެށޭނީ. އެކަމަކު ހެނދުނުގެ ވަގުތެއް ނަމަ އާދައިގެ ކުޑަކުޑަ ވައިރަހެއް ވެސް ގަދަވެގަތުމުގެ ފުރުސަތު ބޮޑު،" ދިރާސާގައި ބައިވެރިވެ ވަޑައިގެންނެވި ޕްރޮފެސަރު އަކިލޭޝް ރެޑީ ބީބީސީ އަށް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ހެނދުނާއި އެހެން ވަގުތުތަކުގައި ވައިރަސް ހަށިގަނޑަށް ވަދެ އާލާވުމުގައި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ.
މިއީ ބައެއް ބާވަތްތަކުގެ ބަލިތައް ފެތުރުން ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ފަސޭހަވެގެން ދާނެ ދިރާސާއެއް ކަމަށް ސައިންސްވެރިން އުންމީދުކުރެ އެވެ.