ލޮލަކީ އިންސާނާގެ ގުނަވަންތަކުގެ ތެރެއިން އެންމެ ނާޒުކު އެއް ގުނަވަނެވެ. އަދި އެގުނަވަނަކަށް އެހާމެ އަޅާލާންޖެހޭ ގުނަވަނެކެވެ. ދުނިޔައަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން އައިނު އަޅާމީހުން އިންތިހާއަށް ގިނަވެފައި ވާއިރު އައިނު އަޅާ ބައެއް މީހުންނަށް އެކަށީގެންވާ ވަރަށް ލޮލަށް ސަމާލުކަން ނުދެވޭތަން އާދެވެ އެވެ.
އައިނު އަޅާމީހުން އަބަދުވެސް އައިނު އަޅައިގެން ތިބުމަކީ އެކަމުން ފައިދާ ކުރާނެ ކަމެކެވެ. އެހެންނަމަވެސް އައިނު އަޅާމީހުން އެކި އެކި ސަބަބުތަކާއި ހުރެ އައިނު އަޅައިގެން ތިބުމަށް ޖެހިލުންވާކަން ފާހަގަ ކުރެވެއެވެ. އެގޮތުން ޓީވީ ބެލުމާއި، ދުރު ބެލުމަށް އެކަނި އައިނު އަޅާނަމަ އެއިގެ އެންމެ ފުރިހަމަ އަސަރު ލޮލަށް ނުކުރާނެ އެވެ.
ފަރުވާކުޑަކޮށް އައިނު ބޭނުންކުރާނަމަ ލޮލުގެ ފެނުން ދަށްވާން މެދުވެރިވެ އެވެ. އެހެންކަމުން ލޮލުގެ ފެނުން އިތުރަށް ގޯސްވިޔަ ނުދީ ބެލެހެއްޓުމަށްޓަކައި އައިނު އަޅަންޖެހޭ މީހުން ތިބެންޖެހޭނީ އަބަދުވެސް އައިނު އަޅައިގެންނެވެ. ލޮލުގައި އަޅާ އައިނަކީ ސާފުތާހިރު ލެންސެއް ހުރި އައިނަކަށްވުން މުހިއްމެވެ. އައިނުގެ ލެންސު ހަޑިވެ، ހިރަފުހާއި އެކު ބޭނުން ކުރާނަމަ ލޮލުގެ ފެނުމަށް އަސަރުކޮށް ބޮލުގައި ރިއްސުމަކީ އެކަށީގެންވާ ކަމެކެވެ. ލެންސް ސާފުކުރުމަށް ހާއްސަ ކުރެވިފައިވާ ލެންސް ކްލީނާއަކުން ސާފުކުރުމަށްފަހު މަޑު ކަފަ ފޮތިކޮޅަކުން ފޮލެހުމުން ލެންސް ސާފުވާނެ އެވެ.
ފެޝަންގެ ނަމުގައި އަޅައިގެން އުޅެން އުނދަގޫ އައިނު ބޭނުންކުރުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. އަޅައިގެން އުނދަގޫ ވާކަހަލަ އައިނު އެޅުމުގެ ސަބަބުން ސްޓްރެސްވެ ބޮލުގައި ރިއްސުން އިތުރުވެގެން ދާނެ އެވެ. އެހެންކަމުން ލޮލުގައި އަޅާ އައިނަކީ އެމީހަކާއި ގުޅޭ ލުއި އައިނަކަށް ހަދަން ޖެހެ އެވެ. އެމީހަކާއި ނުގުޅޭ، ބަރު އައިނު އަޅާނަމަ އިތުރަށް ލޮލުގެ ފެނުން ދަށްވެގެން ދިޔުމަށް މަގުފަހިވެ އެވެ.
އޭގެ އިތުރުން އަޅާ އައިނަކީ ޔޫވީ ޕްރޮޓެކްޝަން ހުންނަ އައިނެއްތޯ ބެލުންވެސް މުހިއްމެވެ. އެހެނީ އިރުގެ އަލިން އަންނަ ޔޫވީ ދޯދި ތަކަކީ ލޮލާއި ހަންގަނޑަށް އެންމެ ރަނގަޅު އެއްޗަކަށް ނުވާތީ އެވެ. ހާއްސަކޮށް ބޭރުގައި ގިނަ ވަގުތު ހޭދަ ކުރާ ފަރާތްތަކުން މިކަމަށް ޙާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިއްމެވެ. އައިނުގައި ބޭނުންކޮށްފައިވާ ލެންސަކީ ފެންވަރުގެ ގޮތުން ރަނގަޅު ލެންސެއްތޯ ބަލަންޖެހެ އެވެ. ސަބަބަކީ އާދައިގެ މެޓީރިއަލް އިން ހަދާފައިވާ ލެންސް ތަޅައިގެން ދިޔުން އަވަސްވާނެތީއެވެ. އެގޮތަށް ތަޅައިގެންދާ އެތިކޮޅެއް ލޮލަށް އެޅި ލޮލަށް އިތުރު ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ލޮލުގެ ނާޒުކަމާއި ހުރެ އެއާމެދު އެކަށީގެންވާވަރަށް ސަމާލުނުވެވިއްޖެނަމަ ލޮލުގެ ފެނުން ނެތި ދިޔުމަކީ ވަރަށް ކައިރި ކަމެކެވެ. އެހެންކަމުން އައިނު ބޭނުންކުރާ ފަރާތްތަކުން ލޮލާމެދު ޙާއްސަ ސަމާލުކަމެއް ބެހެއްޓުމަކީ މުހިއްމު ކަމެކެވެ.