މިރުހަކީ ދިވެހީންގެ ކެއުމުގައި ވަރަށް އާއްމުކޮށް ބޭނުން ކުރާ ފަސޭހައިން ލިބޭ ތަރުކާރީގެ ބާވަތެކެވެ. އެއީ ފައިބާ، ޕްރޮޓީން، ފެޓް އަދި ވިޓަމީންސް ލިބިދޭ ބާވަތެކެވެ.

މިރުހުގައި ހިމެނޭ "ކައިއެން" ކިޔާ މާއްދާއެއްގެ ސަބަބުން ލޭގައި ކޮލެސްޓްރޯލް އަދި ޓްރައިގްލިސެރައިޑްގެ މިންވަރު ދަށްކޮށްދީ، ގަނޑުލޭ ކޮޅުތައް އުފެދުމަށް މަގުފަހިވާ ޕްލޭޓްލެޓް ޖަމާވެ އެކަތިގަނޑަކަށްވުމަށް ހުރަސްއަޅަ އެވެ. މީގެ އިތުރުން ލޭގެ ޕްރެޝަރު ދަށްކުރުމަށް ވެސް އެހީތެރިވެދެ އެވެ. މިކަންކަމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުން ދުރުކޮށްދެ އެވެ.

އޭގެ އިތުރުން މިރުހަކީ ހުޅުތައް ލިބޭ އަނިޔާ ފަދަ ކަންކަމާ ވިދިގެން އުފެދޭ ދުޅަ ތިރިކޮށްދޭ އެއްޗެކެވެ. އެއާއެކު ތަދު ފިލުވާދޭ އެއްޗެއް ވެސްމެ އެވެ. މިރުސް ބޭނުންކުރުމުން ދުޅަ ތިރިކޮށްދީ، ތަދުކަނޑުވައިދެނީ އޭގައި ހިމެނޭ "ކެޕްސައަސިން"ގެ ސަބަބުންނެވެ.

މިރުހަކީ ވިޓަމިން ސީ އިން މުއްސަދި އެއްޗެކެވެ. ގަވާއިދުން ވިޓަމިން ސީ ހިމެނޭ ކާނާ ބޭނުންކުރުމަކީ ބަލިތަކުން ދުރުކޮށްދީ، ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށޮދޭނެ ކަމެކެވެ. ހަމަ އެއާއެކު މިރުހުގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ކެންސަރުން ރައްކާތެރިކޮށްދިނުމުގެ ބާރު މިރުހަށް ލިބިފައިވެ އެވެ

މިރުހުގައި ވިޓަމިން އޭ އަދި ވިޓަމިން ސީ ފަދަ މުހިއްމު ވިޓަމިންތައް ހުރެ އެވެ. ވިޓަމިން އޭ ލޮލުގެ ފެނުމަށް އެހީތެރިވެދޭއިރު ވިޓަމިން ސީ އަކީ ލޯފުސްވުމުން މިންޖުކޮށްދޭ މާއްދާ އެކެވެ. މިރުހުގައި ގިނަ އަދަދަކަށް ކެލްސިއަމް ހުންނަކަން ފާހަގަ ކުރެވޭއިރު އެއީ ކަށިތަކާއި ދަތްތައް ވަރުގަދަ ކޮށްދޭ މާއްދާ އެކެވެ.