ކޮންމެ މީހަކީ ވެސް ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރާނެ މީހެކެވެ. ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް މަސައްކަތް ކުރަނީ ވެސް ސަބަބެއް ނެތި އެއް ނޫނެވެ. ތިމާގެ ބުރުސޫރަ ނުވަތަ "ލުކް" ރީތިކޮށްދޭން އެންމެ ބޮޑު އެއް ދައުރެއް އަދާކުރާ އެކައްޗަކަށް ހަންގަނޑު ވާނެ އެވެ. ހާއްސަކޮށް މޫނެވެ.

ބާޒާރުގައި ވިއްކަން ހުންނަ ހުރިހާ ބިއުޓީ ޕްރޮޑަކްޓްތަކަކީ އަހަރެމެންގެ ހަމާ ގުޅޭ އެއްޗެއްސަށް ނުވާއިރު ފުރަތަމަ ކަމަކަށް ތިމާގެ ހަންގަނޑަށް ފައިދާ ކުރަނީ ކޮންކަހަލަ ޕްރޮޑަކްޓަކުންތޯ ބެލުން މުހިއްމެވެ.

ފުރަތަމަ ކަމަކަށް ހަންގަނޑު ސާފުކޮށް ބެހެއްޓުމަށް ފަރުވާތެރިވާށެވެ. ހެނދުނު ހޭލުމަށް ފަހު އަދި ނިދުމުގެ ކުރިން ރަނގަޅަށް ތާފަނާ ފެނުން މޫނު ދޮންނާށެވެ. މޫނު ދޮންނަ އިރު މާ ގަދައަށް މޫނު ނުއުނގުޅާށެވެ. ސަބަބަކީ މޫނު ރަތްވެ ހަލާކުވާގޮތް ދިމާވެދާނެތީ އެވެ. އަދި މޫނު ދޮންނަ އިރު 45 ސިކުންތަށް ވުރެ އިތުރު ނުކުރާށެވެ. އެއީ މޫނުގައި ހުންނަ ކިލާ އަދި ތެޔޮކަން 30 ސިކުންތާއި 45 ސިކުންތުގެ ތެރޭގައި ދޮވެވޭނެތީ އެވެ.

މޫނު ދޮވުމުގެ ކުރިން ރަނގަޅަށް ދެއަތް ތިލަ ދޮންނާށެވެ. އެއީ އަތުގައި ހުންނަ ކިލާ އަދި ޖަރާސީމުތައް ސާފުނުކޮށް މޫނު ދޮންނަ ނަމަ ހަންގަނޑު ރަނގަޅަށް ސާފުނުވާނެތީ އެވެ.

މޭކަޕް ކުރުމަށް ގެންގުޅޭ ބުރުސް ފަދަ ތަކަތި ސާފުކުރުމަކީވެސް މުހިއްމު ކަމެކެވެ. މަދުވެގެން މަހަކު އެއްފަހަރު މޭކަޕް ބުރުސް ރީތިކޮށް ދޮންނާށެވެ. ސަބަބަކީ ސާފުނުކޮށް ގިނަ ދުވަހު ބޭނުން ކުރާނަމަ މޫނުގައި ބިހި ނަގާގޮތް ދިމާވާނެތީ އެވެ.

ލޯޝަން، ޑޭ ކްރީމް ފަދަ ތަކެތި ބޭނުން ކުރާނަމަ އަބަދުވެސް އެއް ބްރޭންޑެއްގެ ތަކެތި ބޭނުން ކުރާށެވެ. ތަފާތު އެއްޗެހި ބޭނުންކުރާނަމަ ހަންގަނޑު އެއަށް ހޭނުމަށް އިތުރު ވަގުތު ނަގާނެ އެވެ. އަދި ބޭނުން ކުރެވޭ އާ ޕްރޮޑަކްޓަކީ ހަމާ ނުގުޅޭ އެއްޗަކަށް ވެދާނެ އެވެ. މިކަމަށް ބޭނުންކުރެވިދާނެ މޮޅު އުފެއްދުންތައް ރާއްޖޭގެ ބާޒާރު ވެސް މިހާރު ލިބެންހުރެ އެވެ.

އެންމެ ފަސޭހަ އަދި އެންމެ ލުއި ގޮތަކީ ގިނައިން ފެން ބުއިމެވެ. ގިނައިން ފެންބޯނަމަ ހަމުގައި އުފެދޭ ތެޔޮކަން ނައްތާލުމަށް އެހީތެރިވެދެ އެވެ.

އެއާއެކު ގަވާއިދުން ގިނައިން ފެން ބޯނަމަ ހަންގަނޑަށް އޮމާންކަން ގެނެސްދެ އެވެ. އަދި އިތުރުން ހަށިގަނޑަށް ރަނގަޅު ކާނާ ބޭނުން ކުރާށެވެ. އެގޮތުން ކެއުމުގައި ތަރުކާރީއާއި މޭވާގެ އިތުރުން ފެހިކުލަ ގަދަފަތް ގިނައިން ބޭނުން ކުރާށެވެ.