ދައުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމަށް ބުނެ ކިތަންމެ ދައުވާއެއް ކުރިނަމަވެސް، އަދުލުވެރި ޝަރީއަތެއް ކޮށްގެން އެ މަނިކުފާނުގެ ގައިކޮޅުގައި އަތް ނުލެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށް ލާން ކުރި ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކުރުމާ ގުޅިގެން މިރޭ ޕީޕީއެމް/ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"އިރާދަކުރެއްވިއްޔާ އަނެއް ބަންދު ހުރަސް އަންނަންދެން އަޅުގަނޑު ހަމަ ތިޔަ ބޭފުޅުންނާ އެކީ ހަރަކާތްތެރި ވާނަން. އެކަމަކު މިރޭ ވެސް މާތް ﷲގެ ރަޙްމަތާ އެކީ އަޅުގަނޑު ދަންނަވާނީ ދައުލަތުގެ ފައިސާއަށް ވައްކަން ކޮށްގެނެއް، ދައުލަތުގެ ފައިސާގައި ޖެހިގެނެއް ހައްގު ޝަރީއަތެއް ކޮށްފިކަމަށްވަންޏާ، އަދުލުވެރިކަމާ އެކީ ކަމެއް ބަލައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ގަޔަކު އަތްލެވޭނެ ޖާގައެއް ނޯންނާނެ،" ވަރަށް އިތުބާރާއެކު ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އިރާދަކުރެއްވިއްޔާ އަނެއް ބަންދު ހުރަސް އަންނަންދެން އަޅުގަނޑު ހަމަ ތިޔަ ބޭފުޅުންނާ އެކީ ހަރަކާތްތެރި ވާނަން. އެކަމަކު މިރޭ ވެސް މާތް ﷲގެ ރަޙްމަތާ އެކީ އަޅުގަނޑު ދަންނަވާނީ ދައުލަތުގެ ފައިސާއަށް ވައްކަން ކޮށްގެނެއް، ދައުލަތުގެ ފައިސާގައި ޖެހިގެނެއް ހައްގު ޝަރީއަތެއް ކޮށްފިކަމަށްވަންޏާ، އަދުލުވެރިކަމާ އެކީ ކަމެއް ބަލައިފި ކަމަށް ވަންޏާ އަޅުގަނޑުގެ ގަޔަކު އަތްލެވޭނެ ޖާގައެއް ނޯންނާނެ،
ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އިއްވި ހުކުމާއި ގުޅޭ ގޮތުން ވާހަކައެއް ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ލީކްވެފައިވާ އޯޑިއޯތަކުގެ މައްސަލަ ނުބަލަނީ ކީއްވެތޯ ސުވާލު ކުރެއްވެވި އެވެ.

މިއަދު ރައްޔިތުންގެ ހިތަށް އެންމެ އުދާސްކުރާ ކަމަކީ އަދުލުގެ ދާއިރާ އަދުލުވެރިކަމާއެކު އޮންނާނެ ކަމާމެދު ކަމަށާއި އެގޮތުން ސިޔާސީ މީހަކު ކަމެއްކޮށްފި ނަމަ ތީރުތައް ހާހުން މެޔާއި ދިމާލަށް އަންނައިރު އަދުލުގެ ދާއިރާ އިން ކަމެއް ގޯސްކޮށްދާނަމަ އެކަމާމެދު ބަހެއް ބުނާ މަންޒަރު ނުފެންނަ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"މިހާރު ވެސް ތިން ފަނޑިޔާރުންގެ އޯޑިއޯ ލީކުވެގެން އުޅޭ މައްސަލަ އެ އުޅެނީ. އެތަނުން އެއް ފަނޑިޔާރެއްގެ އޯޑިއޯ އަކީ ސައްހަ އޯޑިއޯއެއް ކަމަށް ގަބޫލުކޮށް އެއް ފަނޑިޔާރަކު ވަނީ ސަސްޕެންޑްކޮށްފައި. އެހާ ހިސާބުން ފަނޑިޔާރުންގެ ތެރޭގައި ކަންތައްތަކެއް ހިނގައިފިކަން ގަބޫލުކުރެވޭ. އެއްވެސް ގޮތަކަށް މީހަކާ ދޭތެރޭ އަދުލުވެރިކަމާ އެކީ ހުކުމެއް ކުރަން ބެންޗުގައި ތިބޭ މީހުންގެ ތެރެއިން އެންމެ މީހެއްގެ އަދުލުވެރިކަން ގެއްލިއްޖެ ކަމަށް ސާބިތުވި ނަމަވެސް އެ އުފެދެނީ ސުވާލު،" އަދުލު އިންސާފުގެ ދާއިރާއަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި އަދިވެސް އެންމެ ކޮރުކޮށް އޮތީ އަދުލުގެ ނިޒާމު ކަމަށާއި މިކަމާ ގުޅޭގޮތުން ވާހަކަތަކެއް ދެއްކުމުން ޖަލަށް ގެންދިއަޔަސް މައްސަލައެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އަދުލުގެ ނިޒާމު އިންސާފުވެރި ނުވާނަމަ ރާއްޖެ އަށް ދިރުމެއް އަދި ކުރިއެރުމެއް ނެތް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.