މިހާރު ރާއްޖޭއަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެންނާނެ ގޮތް ވިދާޅުވެ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އިސާރާތެއް ކުރީގެ ރައީސް ޔާމީން ފާޅުކުރައްވައިފި އެވެ.

ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ފަދަ މޭރުވަކުން ވާހަކަ ދެއްކެވީ މިރޭ ޕީޕީއެން/ ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ މިހާރު ފެންނަނީ ކޮވެލި ހަދާފައި ހުންނަ ހާއްޔަށް ކާޅުތައް އައިސް ޖައްސާފައިދާ މަންޒަރު ކަމަށާއި އެގޮތުން މިހާރު މުޅިން ވެސް ފެންނަނީ ހައްތަހާ ވެސް ރިބަން ފަށް ކަނޑާތަން ކަމަށް ޔާމީން ވިދާޅުވި އެވެ.

"ހައްތަހާ ވެސް ފެންނަނީ ރިބަންފަށް ކަނޑާތަން. ކޮވެލި ބުރަ މަސައްކަތްތަކެއް ކުރީމަ ކާޅު އެހާ އެ ހާއްޔާއި ދޯޅުވާ ސަބަބު މި ދެންނެވީ. ހަމަ ރިބަންފަށް ކެނޑުން،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ކޮންމެ އިންތިހާބަކަށް ވެސް އެމްޑީޕީން މޮޅެތި ސްލޯގަންތައް ހަދަމުން އަންނަ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ބޭނުންކުރި "ރަށްވެހި ފަތިސް" ސްލޯގަނަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންގެ އިތުބާރު ކިތަންމެ ބޮޑަކަށް އޮތް ނަމަވެސް ރާއްޖޭގައި ހުރިހާ މައްސަލަތައް އެކަނި ހުންނަވައިގެން ހައްލު ކުރެވެން ނެތް ކަމަށެވެ.

"އަޅުގަނޑު ހިތަށް އެރީ ހާދަ ބޮޑު ޒިންމާއެއް އުފުލަން އަޅުގަނޑުގެ ފަރާތުން މި އެދެނީ، އަޅުގަނޑަށް ހާދަ ބޮޑު އިތުބާރެކޭ ރައްޔިތުންނަށް ތި ކުރަނީ، އަޅުގަނޑު ހަމަ ހީބިހި ނަގައިގެންދޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އެތައް ސަތޭކަ ސަޕޯޓަރުން އެއްވެ އެމަނިކުފާނަށް ތަރުހީބު ދެމުން ދިޔަ އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކަކީ އެންމެ މީހަކަށް ނޫނީ ރައީސަށް އެކަނި ހައްލު ވާން އޮތް ކަމެއް ނޫން ކަމަށެވެ.

"ރާއްޖޭގެ ހުރިހާ މައްސަލައެއް އެއީ އެންމެ މީހަކަށް ހައްލު ކުރެވޭހާ ވަރުގެ ކަމެއް ނޫން، އަޅުގަނޑަކީ ހަކީމެއް ނޫން، އަޅުގަނޑަކީ ހުރިހާ މައްސަލައެއްގެ ފަރުވާއެއް ދެވޭ ބޭސްގުޅައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ ކޮވިޑްގެ ތެރޭގައި ކުރަމުންދިޔަ ޖޫރިމަނާތަކަށްވެސް ފާޑުވިދާޅުވެފަ އެވެ. ވިޔަފާރިއެއްކޮށް ނުވަތަ އިންވެސްޓްމަންޓެއް ކުރުމަށްފަހު އާމްދަނީ ހޯދުން މާރަނގަޅުވާނެ ނޫންތޯ ވިދާޅުވެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރަކީ ޖޫރިމަނާގެ ސަރުކާރެއްކަމަށް ތަކުރާރުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވަމުންދިޔަކަމަށާއި މިހާރު ސްޓިކަރ ޖަހަމުން މިދަނީ ޕާކް ކުރާނެ ޖާގަ ދެއްކުމަށްފަހުތޯ ރައީސް ޔާމީން ސުވާލުކުރެއްވި އެވެ. ދައްކާ ވާހަކަ ދެކޮޅު ނުޖެއްސޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިރޭގެ ޖަލްސާގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ފަދަ މޭރުވަކުން ވާހަކަ ދެއްކެވި ނަމަވެސް ރަސްމީކޮށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމެއް އިއުލާނެއް ނުކުރައްވަ އެވެ.