ބޮލީވުޑްގެ މަޝްހޫރު ފަންނާނެއް ކަމަށްވާ އަބީޝޭކް ބައްޗަން ކުޅެމުން ގެންދާ ސީރީޒްކަމަށްވާ "ބޮބް ބިސްވާސް" ރޯލަށް ތައްޔާރުވުމަށްޓަކައި ފަލަވުމަށް ކުރި މަސަކަތަކީ އޭނާއަށް ކުރަން މަޖާވި ކަމެއް ކަމަށް އަބީޝޭކް ބުނެފި އެވެ.

އަބީޝޭކް ކުޅެމުންދާ ވެބް ސީރީޒްގައި އޭނާގެ ހަށިގަނޑު ތަފާތު ގޮތަކަށް ފެނިފައިވާއިރު، ބެލުންތެރިން ވަނީ މި ސީރީޒްގައި އޭނާގެ އެކްޓިންވެސް ކަމުދާކަން ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް ބެލުންތެރިންނާއި އަބީޝޭކްގެ ފޭނުން އެންމެ ސިއްސުވާލީ، އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނިފަ އެވެ.

މިކަމާއި ގުޅޭގޮތުން އޭނާ އާއި ސުވާލުކުރުމުން އަބީޝޭކު ބުނީ އޭނާ މި ރޯލަށް ފަލަވުމަށް ކެއީ ހުސް އެކި ވައްތަރުގެ ބެންގާލީ ސްވީޓްކަމަށެވެ.

ވެބް ސީރީޒް ކުޅުމަށް ޝޫޓިން ފެށުމަށްފަހުގައި ކޮވިޑާއި ގުޅިގެން ސީރީޒް ވަކި ހިސާބަކުން މެދުކަނޑަންޖެހި، ހުއްޓުމަކަށް އައުމަކީ މުޅި ކާސްޓަށްވެސް އުނދަގޫތަކަކާއި ކުރިމަތިލާން ޖެހުނު ކަމެއް ކަން ފާހަގަކޮށް އޭނާ ބުނީ، ލޮކްޑައުންގައި މި ބަދަލު ހިފެހެއްޓުމަށް އުނދަގޫވި ނަމަވެސް ބަރުދަން ހިފެހެއްޓުމަށް ވަރަށް މަސައްކަތް ކުރިކަމަށެވެ.

"ޝޫޓިންއަށް އަހަރެންގެ ބަރުދަން 100-105 އާއި ދެމެދަށް ގެންނަން ޖެހުނު. ފިލްމުގައި އަހަރެން ބޮބްގެ ރޯލު ކުޅޭއިރު، ބޮބްގެ މޫނު ވަށްވެ މުޅި ކޯ އެއްކޮށް އިންނަނީ ފުރިފަ. އަހަރެން ގަބޫލުކުރާގޮތުގައި ބަރުދަން އިތުރުކޮށް ފަލަ ވީމަ ހަގީގަތުގައި އެރޯލު އެންމެ ރަނގަޅަށް ކުޅެވޭނީވެސް" އަބީޝޭކް ބުންޏެވެ.

މި ސީރީޒް އަކީ މީހެއްގެ މަރު ތަހުގީގުކުރާ ވާހަކައަކަށް ބިނާކޮށް ހަދާފައިވާ ސީރީޒް އެކެވެ. ގޯރީ ޚާން އާއި ސުޖޯއި ގޯޝް އަދި ގޯރަވް ވަރްމާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ލިޔުނީ ސުޖޯއީ ގޯޝް އެވެ. ފިލްމު ޑައިރެކްޓުކޮށްފައިވަނީ ސުޖޯއީގެ އަންހެން ދަރިފުޅު ދިޔާ އަންނަޕޫރްނަ ގޯޝް އެވެ.