ޓެރަރިޒަމްގެ ހަމަލާތައް ފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ޙާލަތްތަކުގައި ގައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި އޮޕަރޭޝަނަލް ހަބުގެ ގޮތުގައި މަސައްކަތްކުރަން، ޖޮއިންޓް އިންޓަ އޭޖެންސީ އޮޕަރޭޝަން ސެންޓަރު (ޖަޔޮކް)ގެ ނަމުގައި ގާއިމްކޮށްފައިވާ ސެންޓަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައިދެއްވައިފި އެވެ.

މިކަމަށްޓަކައި ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލާއި އެމްއެންޑީއެފްގެ ލީޑަޝިޕުގެ ބޭފުޅުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ޖަޔޮކްގެ މަސައްކަތަކަށް ވާނީ، ޓެރަރިޒަމްގެ ޙަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި، ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.

"ޓްރާންސްނޭޝަނަލް ސެކިއުރިޓީ ތްރެޓްތައް ނުވަތަ ގައުމެއްގެ ބޯޑަރު ފަހަނައަޅާ، މުޅި ސަރަހައްދަށް އޭގެ ބިރާއި ނާމާންކަން ފެތުރިފައިވާ ނުރައްކާތަކުގެ ތެރޭގައި ހިމެނޭ ކްރޮސްބޯޑަ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ، ސަލާމަތީ ނަޒަރަކުން، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ." އެ މިނިސްޓްރީން ބުންޏެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ މޫތައް އިތުރަށް ވަރުގަދަވެ، ޓެރަރިސްޓް ނެޓްވޯކްތައް އިތުރަށް ފުޅާވެ، ދިވެހި އެތައް ދަރިންނެއް، އުފަން ފަސްގަނޑު ދޫކޮށް، ހަނގުރާމަތަކުގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ފިލައިގެންދަނިކޮށް، 2019 ވަނަ އަހަރު، ރައީސް ސޯލިހުގެ ސަރުކާރުންވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ދިވެހި ގައުމާއި ރައްޔިތުންނަށް އޮތް ނުރައްކަލެއްކަން ދެކެވަޑައިގެން، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް ޕޮލިސީ"އެއްކަން އިއުލާންކުރައްވާފަ އެވެ. ހަމައެއާއެކު، ރައީސް ސޯލިހުގެ ސަރުކާރުން އިސްނަންގަވައިގެން، ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުގެންނެވުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

"މި އިސްލާހުގައިވާ ކަންކަން ތަންފީޒުކުރަން، ރައީސް އޮފީހުން ކުރެއްވި ބުރަ މަސައްކަތްޕުޅުން، މުޅިން އަލަށް ނޭޝަނަލް ކައުންޓަ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް މިހާރުވަނީ އެކުލަވާލެވިފަ އެވެ. މިއަދު މި ހުޅުވުނު "ސްޓޭޓް އޮފް ދަ އާޓް" އަދި "ނެޓްވޯކް ސެންޓްރިކް ކަނެކްޓިވިޓީ" ގާއިމްކުރެވިފައިވާ ޖޮއިންޓް އިންޓަރއޭޖަންސީ އޮޕަރޭޝަން ސެންޓަރ (ޖަޔޮކް) ވުޖޫދަށް ގެންނެވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ ހާއްސަ އިސްކަމެއް ދެއްވާފައިވާކަން ޝުކުރާއެކީ ފާހަގަކުރަމެވެ." ޑިފެންސް މިނިސްޓްރީން ބުންޏެވެ.

އަދި މިސެންޓަރަކީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް ސޯލިހު ގެންގުޅުއްވާ "ޒީރޯ ޓޮލަރެންސް ޕޮލިސީ" ތަންފީޒުކޮށް، މި ސިޔާސަތަށް އަމަލީ ސިފަ ގެންނެވުމަށް އެމަނިކުފާނުގެ ސަރުކާރުން ފަށްޓަވައިފައިވާ މަސައްކަތްޕުޅަށް ލިބުނު ކުރިއެރުމެއްކަމާއި، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު ދެއްވާ ހާއްސަ އަހައްމިއްޔަތު މިކަމުން ހާމަވާކަން ޝުކުރާއެކީ ފާހަގަކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.