ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ދޫކޮށްފައިވާ ހުޅުމާލެ ބިމުގެ ރަޖިސްޓްރީ މާލެ ސީޓީ ކައުންސިލުން ބާތިލުކުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށާއި އެކަމުގެ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މާލެ ސިޓީ ކައުންސިލްގެ މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ކައުންސިލުން އެޗްޑީސީއަށް ހުޅުމާލޭ ފޭސް އެކެއް އަދި ފޭސް ދޭ ހިމެނޭ ގޮތަށް ހަދައިފައިވާ ރަޖިސްޓްރީ ބާތިލްކުރުމަށް ފާސްކޮށްފައި ވަނީ 12 ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ.

އެކަމާ ގުޅިގެން، ހުޅުމާލެ ބަލަހައްޓަމުން އަންނަ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ، އަމިއްލަ ބިމެއް ކަމަށެވެ. އެ ކުންފުންޏަކީ ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަހުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނު އަސާސީއާ ވެސް ހިލާފަށް ކަމަށެވެ.

"އެޗްޑީސީއަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ގާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްގު ލިބިދީފައިވާ ވަކި ޝައްސެއް ކަމަށްވީހިނދު، ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެޗްޑީސީން ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމެވި ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި، ބިމާއި ބެހޭ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)އާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)އާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ގާނޫނާ ޚިލާފު، ނާތަހުޒީބީ ނިންމުމެއް ކަމުގައި ދެކެމެވެ." އެޗްޑީސީ ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެޗްޑީސީއިން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-56 ވަނަ މާއްދާގެ (ށ)ގައި ވާގޮތުން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އާންމު ރައްޔިތުންނަށާއި ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހާ ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދަލާއި ގައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި މިކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފަ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާއި ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްޤުތައް ލިބިދީފަ. އަދި، ހަމަ މިޤާނޫނުން އެނގިގެންދަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ޤާނޫނީ މިލްކުވެރިކަން ލިބިފައިވާކަން އަންގައިދޭ ޤާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީ. އަދި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުއީ ކޯޓެއް މެދުވެރިކޮށް." އެޗްޑީސީއިން ބުނެ އެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ގާނޫނު އަސާސީގައިވާ ގޮތުން އަމިއްލަ މުދަލަކީ ގާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫން ކަމަށާއި ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފިޔަވައި އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ހުކުމަކުން މެނުވީ އެއްވެސް ފަރުދެއްގެ މުދަލެއް އެފަރާތުގެ ރުހުން ނެތި ނެގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ. އަދި ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ގާނޫނީ ހައްގަކީ ކަނޑައެޅި ބަޔާންވެގެންވާ ގާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫނީ ބާތިލުކުރެވޭނެ ހައްގެއް ނޫން ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައިމިވަނީ، ހުކުރު ދުވަހުގެރޭ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީން ޖަލްސާއެއް ބާއްވާނެކަން އަންގާފައިވަނިކޮށް، ހުއްދަ ނުހޯދާ ޖަލްސާ ނުބޭއްވޭނެކަމަށް އެޗްޑީސީން ބުނެފައިވަނިކޮށެވެ.