ހުޅުމާލެ ފޭސް ދޭގެ ބްރިޖު މަތިން ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހާއްސަ އެހީއަށް ބޭނުންވާ ހާލިދު އަބްދުﷲގެ ސައިކަލްގައި ކާރަކުން ޖެހިފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހާލިދު ދުއްވާ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނިކޮށް މިއަދު މީޑިއާތަކަށް ފުލުހުން ފޮނުއްވި މެސެޖެއްގައި ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީ ބުރިޖު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހާލިދުގެ ސައިކަލްގައި ކާރަކުން ޖެހިފައިނުވާ ކަމަށެވެ. އަދި ހާލިދު ވެއްޓުނީ އޭނާގެ ސައިކަލް އަނބުރައިލުމަށް މަސައްކަތްކުރުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖުތައް ބަލައި މިހާތަނަށް ކުރި ތަހުގީގުން އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ނޫންކަން އެނގިފައިވާ ކަމަށެވެ.

ސައިކަލުން ވެއްޓުމުގެ ސަބަބުން ހާލިދަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އޭނާއަށް މިހާރު ވެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.