ހުކުރު ދުވަހުގެ ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ބިމާ ހަމަވި އިމާރާތްތަކުގެ ދަށުވި މީހުން ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދެ އެވެ.

ގްރީސްގެ ރަށެއް ކަމަށްވާ ސާމޮސްއާއި ހަމައަށް ވެސް އަސަރު ފޯރި މި ބިންހެލުމުގައި މިހާތަނަށް 30 މީހުން މަރުވެފައިވާއިރު 800 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.

ބިންހެލުން އައި ތުރުކީގެ ސަރަހައްދު ކަމަށްވާ އިޒްމީރު އިން އޭގެ 18 ގަޑިއިރު ފަހުން މަންމައަކާ އޭނާގެ ތިން ދަރިން ދިރިތިއްބާ ފެނިފައިވެ އެވެ. ބިންހެލުމަށްފަހު ވެސް މި ސަރަހައްދަށް އެކި ވަރުގެ ލޮޅުންތައް އަރާފައިވެ އެވެ.

ޔޫއެސްގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި މި ބިންހެލުމުގެ ބާރުމިނަކީ 7.0 މެގްނިޓިއުޑެވެ. އެހެން ނަމަވެސް ތުރުކީއިން ބުނެފައިވަނީ 6.6 މެގްނިޓިއުޑް ކަމަށެވެ.

މި ބިންހެލުމުގެ ސަބަބުން ތުރުކީގެ ބައެއް ސަރަހައްދުތަކަށް ސުނާމީގެ އަސަރުވެސް ކޮށްފައިވެ އެވެ.

އިޒްމީރު އަވަށުގައި 28 މީހުން މަރުވެފައިވާ އިރު އޭގެ ތެރެއިން ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު މަރުވެފައިވަނީ އެ ކުދިންގެ ގައިިމައްޗަށް ފާރެއް ވެއްޓިގެންނެވެ.

މި ބިންހެލުމުގެ ސަބަބުން 20 އިމާރާތް އެއްކޮށް ބިމާ ހަމަވެފައިވެ އެވެ.