މުހައްމަދު ވަސީމް (އެންސިސް ވަސީމް) އަކީ އޭރު އާދައިގެ ވިޔަފާރިވެރިއެކެވެ. މާގިނަ ބަޔަކު ދަންނަ މީހެއް ވެސް ނޫނެވެ. އެކަމަކު ވަސީމަކީ މަސްވެރިކަމުގެ ވިޔަފާރީގައި މޮޅު ސިކުނޑިއެއްކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ. އޭނާގެ ބޮޑު ހިއްސާއެއް އޮންނަ ކުންފުނިން ހުޅުމާލޭގައި ކޮށްފައިވާ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އޭގެ ހެއްކަކަށް ފުދެ އެވެ.
ބޭރު ބަޔަކާ ގުޅިގެން މަސްވެރިކަމުގެ ވިޔަފާރީގެ ތެރެއަށް ވަސީމު ވެންނެވީ ބޮޑު ރިސްކެއް ނަގައިގެންނެވެ. މަސްވެރިކަމުގެ މުޅި ވިޔަފާރި ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ދަށުގައި އޮތްވައި، 2002 ވަނަ އަހަރު އެންސިސް ފިޝަރީޒްގެ ނަމުގައި ކުންފުންޏެއް އުފައްދަވައިގެން މަސްވެރިކަމުގެ ވިޔަފާރިއަށް ވަސީމް ނުކުތީ ވަރަށް ދުރަށް ވިސްނައިގެންނެވެ. އެއީ މަސްވެރިކަމަކީ ނަފާ ހޯދައިގެން ކުރިޔަށް ގެންދެވިދާނެ ވިޔަފާރިއަކަށް ވާތީ އެވެ.
"އެންސިސް ފެށީ ބޭރުގެ ބަޔަކާއެކު ޖޮއިންޓްވެންޗާ ހަދައިގެން. މަޑުމަޑުން ފުޅާކުރަމުން މިހާ ހިސާބަށް މިގެނައީ،" މަސްވެރިންގެ ދުވަހާ ގުޅިގެން "ހުރިހާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ މިއަދު ވިދާޅުވި އެވެ.
މަސްވެރިކަމުގައި މިހާރު އެންސިސް އަކީ އެންމެ ނަން ހިނގާ އަދި މަސްވެރިންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ.
ވަސީމް އާއި އޭނާގެ ޓީމުން ރެއާއި ދުވާލު ގެންދަނީ، މަސްވެރިން ބާނާ މަސް ގަނެ ޕްރޮސެސް ކުރެވޭނެ އާ ގޮތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އެންސިސްގެ ވިޔަފާރި ފުޅާވުން
އެންސިސް އަކީ މިހާރު ރާއްޖޭގެ ނަން ހިނގާ ބޮޑު ވިޔަފާރި ކުންފުންޏެކެވެ. ކުންފުނީގެ ދެން ތިބި ދެ ހިއްސާދާރުންނާއެކު އެންސިސްގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ. އެ ކުންފުނިން ވަނީ މަސްވެރިކަމުގެ އިތުރުން އިންޝުއަރެންސްގެ ވިޔަފާރިއާއި ރިއަލްއެސްޓޭޓް ވިޔަފާރި ވެސް ވަދެފަ އެވެ.
އެންސިސް އިން ވަނީ އަމިއްލަ ބަޔަކަށް މަސްވެރިކަމުގެ ވިޔަފާރީގައި ދެވޭނެ އެންމެ އުހަށް އަރައިފަ އެވެ. އެ ކުންފުނީގެ އަމިއްލަ މަސް ބަންދުކުރާ ކާރުޚާނާއެއް ހުރެ އެވެ. ކަންނެލި މަސް ޔޫރަޕަށް އެކްސްޕޯޓްކުރަން އެންމެ ފެންވަރު ރަނގަޅު ފެކްޓްރީ ހިންގަނީ އެ ކުންފުނިންނެވެ.
ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރުން ފެށި އިންވެސްޓްމަންޓް މިހާރު ވަނީ 50 މިލިއަން ޑޮލަރާ ހަމަޔަށް ފުޅާކޮށްފަ އެވެ. އެންސިސްގެ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާގެ އިތުރުން ކަންނެލި ބަންދުކުރާ ފެކްޓްރީއަކާއި ފިޝް މީލް ޕްރޮސެސް ކުރާ ފެކްޓްރީއެއް ހުރެ އެވެ. މީގެ އިތުރުން އަމިއްލަ އައިސް ޕްލާންޓް ވެސް ހިންގަ އެވެ.
އެ ކުންފުނިން މީގެ ދެ އަހަރެއްހާ ދުވަސްކުރިން ހުޅުމާލޭގައި ހުޅުވި ދަޅުގައި މަސްބަންދުކުރާ ކާރުޚާނާއަކީ އެންމެ ޒަމާނީ ފެންވަރުގެ ތަނެކެވެ. ގާތްގަނޑަކަށް 25 މިލިއަން ޑޮލަރުގެ އެ އިންވެސްޓްމަންޓާއެކު އެންސިސް ވަނީ އާ ހަރުފަތަކަށް އަރައިފަ އެވެ.
"އަޅުގަނޑުމެންގެ އެންމެ އަގުބޮޑު އިންވެސްޓްމަންޓަކީ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާ. އަޅުގަނޑުމެން ދެން އިތުރަށް ކުރާނެ އާ އިންވެސްޓްމަންޓެއް ނެތް،" ވަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ދެން އޮތީ މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމެވެ. އެކަމަށް ވެސް ވަސީމް އާއި އޭނާގެ ޓީމު ގެންދަނީ ތައްޔާރުވަމުންނެވެ.
"މިހާރު މަސް ޕްރޮސެސްކުރުމުގެ ހުރިހާ ކަމެއް އެބަކުރެވޭ. އަޅުގަނޑުމެން ޔޫރަޕާއި އެމެރިކާއަށް ވެސް އެބަ އެކްސްޕޯޓްކުރަން. ދެން އޮތީ ވެލިއު އެޑެޑް ޕްރޮޑަކްޓްތައް އުފެއްދުން،" ވަސީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްވެރިކަމުގައި ރަނގަޅު ފައިދާއެއް ލިބެން އޮތީ ރޯމަސް އެކްސްޕޯޓްކުރުމުގެ އިތުރުން މަހުގެ އުފެއްދުންތައް ބާޒާރަށް ނެރެގެންނެވެ.
"އަޅުގަނޑުމެން މި ވިޔަފާރީގެ ތެރެއަށް ވަންއިރު މަސް އެކްސްޕޯޓްކޮށްގެން ލިބޭ އާމްދަނީ ވަރަށް ރަނގަޅު. އެކަމަކު މިހާރު ޔޫރަޕުން ޑިއުޓީ ނަގަން ފެށުމުން މި ވިޔަފާރިން ލިބޭ ފައިދާ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ،" ވަސީމް ވިދާޅުވި އެވެ.
އެކަމަކު ވަސީމް އަދިވެސް އުއްމީދު ކަނޑައެއް ނުލަ އެވެ. އޭނާގެ ވިސްނުން ހުރީ ރޯމަސް އެކްސްޕޯޓްކުރުމުގެ އިތުރުން މަހާއި މަހުގެ އުފެއްދުންތައް އިތުރުކޮށްގެން އެކްސްޕޯޓް ވަރުގަދަކުރާށެވެ.
"އަޅުގަނޑުމެންނަށް އެބަ ފެނޭ ވެލިއުއެޑެޑް ޕްރޮޑަކްޓްތަކަށް އޮތް ޑިމާންޑް. އެހެންވެ އެ އުފެއްދުންތައް އިތުރުކުރަން ވަރަށް ބޮޑަށް އެބަ މަސައްކަތްކުރަން،" އެންސިސްގެ ޗެއާމަން ވިދާޅުވި އެވެ.
ކަންނެލީގެ މަސްވެރިކަމުގެ އިތުރުން ކަޅުބިލަމަހުގެ ވިޔަފާރީގެ ތެރެއަށް ވެސް މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެންސިސްއިން ވަދެ ކަޅުބިލަމަސް ގަނެ އެކްސްޕޯޓްކުރަން ވަނީ ފަށައިފަ އެވެ. ވަސީމް ދެކޭ ގޮތުގައި ކަޅުބިލަމަހުގެ އުފެއްދުންތަކަކީ އަދިވެސް ޑިމާންޑް ބޮޑު އުފެއްދުންތަކެކެވެ. އެހެންވެ އެ ކުންފުނިން ގެންދަނީ މަސް ދަޅުގެ އިތުރުން ވަޅޯ މަހާއި ރިހާކުރު އަދި އެނޫން ވެސް އެކި އުފެއްދުންތައް ތައްޔާރުކޮށް މާކެޓަށް ނެރެމުންނެވެ.
"ކަންނެލި އެކްސްޕޯޓްކުރުން ވެސް ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ހުޅުވާލުމުން ހައެއްކަ ފެކްޓްރީ އިތުރުވެގެން ދިޔަ. ހަމައެގޮތަށް ކަޅުބިލަމަހުގެ ވިޔަފާރި ވެސް އަމިއްލަ ފަރާތްތަކަށް ހުޅުވާލުމުން ފުޅާކުރަން ދުވަސްކޮޅެއް ނަގާނެ،" ވަސީމް ވިދާޅުވި އެވެ.
އަމިއްލަ ކުންފުނިތަކަށް ވެސް ކުރެވޭނެ
ރާއްޖޭގައި މަހުގެ ވިޔަފާރިކޮށްގެން އެންމެ ކުރިޔަށް ޖެހި އެއްބަޔަކީ ހަމަ ޔަގީނުން ވެސް އެންސިސް ވާނެ އެވެ. އޭގެ ސިއްރަކީ ކޮލިޓީ އާއި އިތުބާރެވެ.
އެންސިސް އިން މަހުގެ ވިޔަފާރިކުރަނީ ދުނިޔޭގެ އެންމެ ރަނގަޅު ކޮލިޓީގަ އެވެ. އެތަނުން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހުގެ ކޮލިޓީ މައްސަލައެއް ދިމާއެއް ނުވާނެ އެވެ. މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުލިބިއެއް ނުހުންނާނެ އެވެ. މަސްވެރިންގެ އަގު އެންސިސް އިން ވަޒަންކޮށް މަސްވެރިންނަށް ހިތްވަރުދީ ތަފާތު އިނާމުތައް ވެސް ދެމުންގެންދެ އެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ މަސްވެރިންނާ ވަރަށް ބޮޑަށް ގުޅިގެން. އަދި މަސް އެކްސްޕޯޓްކުރުމުގެ އެންމެ ބޮޑު އިސްކަމެއް ދެނީ މަހުގެ ކޮލިޓީ ހިފަހައްޓަން. އެއީ މި ކުންފުނީގެ ކާމިޔާބީގެ ސިއްރަކީ،" ވަސީމް ވިދާޅުވި އެވެ.
އެންސިސް އިން މިހާރު މަހަކު 600 ޓަނުގެ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރެ އެވެ. މީގެ ތެރޭގައި، 200 ޓަނުގެ ކަންނެލި ވެސް ހިމެނެ އެވެ. އާދައިގެ ގޮތަކަށް ފެށި ވިޔަފާރި މި ހިސާބަށް ދަތުރުކުރީ ވަސީމްގެ ކެޔޮޅުކަމުގެ ދަށުންނެވެ. މަސްވެރިކަމުގެ ދާއިރާގައި މިހާރު އެންސިސް ވަސީމް ނުދަންނަ މީހަކު ނުހުންނާނެ އެވެ. އެއީ އެހާ ވެސް ދަނެފަރިތަ މޫނަކެވެ.