ދިގު 20 އަހަރަށްފަހު، މިސް ޔުނިވާސް 2021ގެ ލަގަބު އިންޑިއާއަށް ލިބިއްޖެ އެވެ.

އިންޑިއާގެ ޗަންދީގަރަށް ނިސްބަތްވާ ހަރްނާޒް ސަންދޫ މި ލަގަބު ކާމިޔާބުކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެ މުބާރާތުގައި ބައިވެރިވި 80 އަށްވުރެ ގިނަ ބައިވެރިންނާ އެކި ދާއިރާތަކުން ވާދަކޮށް ކުރި ހޯދައިގެންނެވެ.

އިޒްރޭލުގެ ރެޑް ސީ ރިސޯޓް، އެއިލަޓްގައި ބޭއްވި ހަފްލާއެއްގައި އުމުރުން 21 އަހަރުގެ ހަރްނާޒްއަށް މިސް ޔުނިވާސްގެ ތާޖު ހަވާލުކުރީ މިދިޔަ އަހަރުގެ މިސް ޔުނިވާސް މެކްސިކޯގެ އެންޑްރިއާ މެޒާ އެވެ.

ހަރްނާޒްގެ އިތުރުން މި މުބާރާތުގެ ގަދަ ތިނެއްގައި ހިމެނިފައިވަނީ ދެކުނު އެފްރިކާގެ ލަލޭލާ ސްވޭން އާއި ޕެރެގުއޭގެ ނާދިއާ ފެރޭރާ އެވެ.

މި މުބާރާތުގައި ގައުމީ ހެދުންތަކާއި އެނޫންވެސް އެކި ފެޝަން ހެދުންތަކުގައި ބައިވެރިން ފެނިގެން ދިޔަ އެވެ. މީގެ އިތުރުން ބައވެރިންގެ ހުނަރުތަކަށް އިންސާފު ކުރުމުގެ ގޮތުން އިންޓަވިއުތައް ވެސް ކުރެވުނެވެ.

ކޮވިޑް 19ގެ ސަބަބުން ހަރުކަށި ފިޔަވަޅުތަކާއެކު ކުރިއަށް ދިޔަ މި މުބާރާތް ފެށުމުގެ ކުރިން ފްރާންސްގެ ބައިވެރިޔާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެ މުބާރާތުން ނުކުންނަން ޖެހިފަ އެވެ.

މިސް ޔުނިވާސްގެ ގަދަ ތިން ބައިވެރިން

މި އަހަރުގެ މިސް ޔުނިވާސް އިޒްރޭލުގައި ބާއްވަން ހަމަޖެހުމާއެކު ގިނަ ގައުމުތަކަކުން ވަނީ އެގައުމުތަކުގެ ބައިވެރިންގެ ނަން އަނބުރާ ގެންގޮސްފަ އެވެ. އެގޮތުން މުސްލިމް އާބާދީ ބޮޑު ގައުމުތަކުން ވަނީ ފަލަސްތީނުގެ މައްސަލައިގައި އިޒްރޭލަށް ދަތި ކުރުމުގެ ގޮތުން މި މުބާރާތް ބޮއިކޮޓް ކުރަން ގޮވާލާފަ އެވެ.

އެގޮތުން ފަލަސްތީނަށް ތާއިދުކުރާ ދެކުނު އެފްރިކާއިން ވަނީ ގަދަ ތިނެއްގައި ހިމެނުނު އެގައުމުގެ ލަލޭލާ މުބާރާތުގައި ބައިވެރިވުމާއެކު އޭނާއަށް ދިން އެއްބާރުލުން އަނބުރާ ގެންގޮސްފަ އެވެ.

ހަމައެއާއެކު މި ގައުމުތަކުން ވަނީ މިއަހަރުގެ މުބާރާތުގައި ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ވެސް ތުހުމަތުކޮށް އިޒްރޭލަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މުބާރާތް ކާމިޔާބު ކުރި ހަރްނާޒް ބުނީ މިއީ ނަސްލީ ތަފާތު ކުރުންތަކާއި އެހެން ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް ތަފާތު ސަގާފަތްތަކެއް އެއް ޕްލެޓްފޯމަކުން ދައްކަން ލިބޭ ފުރުސަތެއް ކަމަށެވެ.

ހަރްނާޒް މުބާރާތް ކާމިޔާބު ކުރި އިރު މީގެ ކުރިން ދެ ފަހަރެއްގެ މަތިން އިންޑިއާއިން ވަނީ މި ލަގަބު ހޯދާފަ އެވެ. އެއީ 1994 ވަނަ އަހަރު ސުޝްމިތާ ސެން އާއި 2000 ވަނަ އަހަރު ލާރާ ދައްތާ އެވެ.