ދެ ދަހަރަށްވުރެ ދިގު މުއްދަތެއްގައި ފަނޑިޔާރުކަން ކުރެއްވުމަށްފަހު، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު މަގާމުން ވަކިވެވަޑައިގަންނަވަން ހުށަހެޅުއްވި ހުށަހެޅުން ޖުޑީޝަލް ސާވިސް ކޮމިޝަނުން ގަބޫލުކޮށް، އަންނަ މަހު އޭނާއަށް ޝަރަފުވެރިކަމާއެކު ރިޓަޔަމަންޓް ދިނުމަށް ނިންމައިފި އެވެ.

ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަންނަވަން މާހިރު ނިންމެވި ވަކި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ހައިކޯޓަށް ބަދަލުވެވަޑައިގަތުމުގެ ކުރިން މާހިރު ހުންނެވީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސެވީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

މާހިރު އެންމެ ފުރަތަމަ ފަނޑިޔާރުކަމަށް އައްޔަންކުރެއްވީ 2005 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޭރުގެ މަދަނީ ކޯޓަށެވެ. އެއަށްފަހު 2010 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އޭނާ ވަނީ ފެމިލީ ކޯޓަށް ބަދަލުވެވަޑައިގެންފަ އެވެ.

ފަނޑިޔާރު މާހިރު ވަކިވެވަޑައިގަތުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު ދިހައަކަށް ތިރިވާނެއެވެ. ގާނޫނުގައި ބުނާ ގޮތުން ހައިކޯޓުގައި އެގާރަ ފަނޑިޔާރުން ތިއްބަވަންޖެހެ އެވެ.

ނަމަވެސް ގާނޫނަށް އިސްލާހު ގެނެސްގެން ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.