ބުމައަކީ ތިބާގެ މޫނުގެ އެންމެ ފާހަގަވާ އެއް ސިފަ އެވެ. އެ ސިފައަކުން ބުރުސޫރަ ރީތިވާ ސިފަ އެކެވެ. ހިތިފަތު ބުމައަކަށް ހިތް ލެނބެނީ އެހެންވީމަ އެވެ. އެހެން ކަމުން ބުމަ ރީތިކޮށް ގެންގުޅުމަކީ ކުރަން ވާނެ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ ގުދުރަތީ ގޮތުން ބުމަ ރީތި ކޮށްލެވޭނެ ގޮތްތަކަށެވެ.

ކާށި ތެޔޮ

އިނގިލީ ކޮޅަށް ދެތިން ތިކި ކާށި ތެޔޮ އަޅާލުމަށް ފަހު ބުމާގައި އުނގުޅާލައި ރަނގަޅަށް މަސާޖް ކޮށްލާށެވެ. މިގޮތަށް ރޭގަނޑު ނިދުމުގެ ކުރިން މަސާޖްކޮށްލުމުން ލޭހިނގާ މިންވަރު އިތުރުކޮށްދެ އެވެ. ދެން ހެނދުނު ހޭލައިގެން ތާފަނާފެނުން ރީއްޗަށް ދޮވެލާށެވެ. މިގޮތަށް އެއްމަސް ނުވަތަ ދެމަސް ވަންދެން ދުވާލަކު އެއް ފަހަރު ހަދާނަމަ ބުމައިގައި އިސްތަށި ފަޅާ މިންވަރު އިތުކޮށްދޭނެ އެވެ.

ބިސް

ބިހުގެ ގޮބޮޅި ވަކި ކޮށްލުމަށްފަހު، ކްރީމް ވަންދެން ބިސް ގިރާލާށެވެ. އެއަށްފަހު ކަފަބުރަކުން މި ތައްޔާރު ކުރި ކްރީމް ބުމައިގައި އުނގުޅާލާށެވެ. ދެން 15-20 މިނިޓް ވަންދެން ބަހައްޓާލުމަށްފަހު ފިނިފެނުން ދޮވެލާށެވެ. ބިހުގެ ގޮބޮޅީގައި ހިމެނޭ ޕްރޮޓީން އަކީ އިސްތަށިފެޅުމަށް އެހީވެދޭ މާއްދާ އެކެވެ. ހަފްތާއަކު އެއްފަހަރު ނުވަތަ ދެ ފަހަރު މިފަރުވާ ދިނުމުން ނަތީޖާ ފެންނާނެ އެވެ.

އޯބަތް

މޭޒުމަތީ ސަމުސާގެ އެއްސަމުސާ އޯބަތް ފެނަށް އަޅާފައި ފަސް ގަޑިއިރު ވަންދެން ފޯކޮށްލަން ބަހައްޓާލާށެވެ. އެއަށްފަހު މިކްސްޗަރުން ފުނޑާލާށެވެ. ދެން މިތައްޔާރު ކުރެވުނު ޕޭސްޓްގެ ތެރެއަށް ކުޑަ ކާށި ތެޔޮފޮދެއް އެއްކޮށްލާށެވެ. ރޭގަނޑު ނިދުމުގެ ކުރިން މި ޕޭސްޓް ބުމާގައި އުނގުޅާލާފައި ބަހައްޓާށެވެ. ހެނދުނު ހޭލައިގެން ތާފަނާ ފެންފޮދަކުން ރީއްޗަށް ދޮވެލާށެވެ. މިގޮތަށް ހަފްތާއަކު 2-3 ފަހަރު ދެމަސް ދުވަސް ވަންދެން ހެދުމުން ނަތީޖާ ފެންނަން ފަށާނެ އެވެ.

ލުނބޯ

ލުނބޯ ފޮތިކޮށްލުމަށްފަހު ބުމާގައި އުނގުޅާލާށެވެ. އެއަށްފަހު ބުމާގައި ލުނބޯދިޔަ އުނގުޅުމަށްފަހު 15-20 މިނިޓްވަންދެން ހިއްކާލުމަށް ބަހަށްޓާށެވެ. ދެން ތާފަނާ ފެންފޮދަކުން ރީއްޗަށް ދޮވެލާށެވެ. ބުމަރީތި ވަންދެން މިގޮތަށް ދުވާލަކު އެއްފަހަރު ހަދާށެވެ.