ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާ މަރު ކޮމިޝަނުން ބަލަމުން އަންނަ މަރުގެ މައްސަލަތަކެއްގެ ތަހުގީގަށް ހާއްސަ ޓީމެއް މެލޭޝިއާ ފުރާ ގޮތަށް ނިންމައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ޓީމު މެލޭޝިއާއަށް ފުރާނީ އަންނަ ބުދަ ދުވަހު އެވެ. އަދި ކޮމިޝަނުގެ ޓީމު މެލޭޝިއާއަށް ދަނީ ތަހުގީގަށް ބޭނުންވާ ދިވެހިންތަކެއް ބަޔާން ނެގުމަށެވެ.

އެ ބަޔާން ނަގަން ޓީމު މެލޭޝިއާއަށް ދަނީ ތަހުގީގަށް ބަޔާން ދިނުމަށް ރާއްޖެއަށް އާދެވެން ނެތް މީހުންގެ ފަރާތުން ބަޔާން ނެގުމަށް ކަމަށް ވެސް އެނގިފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން މަރު ކޮމިޝަނުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

މަރު ކޮމިޝަން ރައީސް ސޯލިހު އެކުލަވާލީ، 1 ޖެނުއަރީ 2012 އިން 17 ނޮވެމްބަރު 2018ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލަ އާއި ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ އެ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މުހިންމު މައްސަލަތަކެވެ. އަދި މަރުތަކުގެ ހަގީގަތް ހޯދާ އިންސާފު ގާއިމްކުރުމަކީ މި ސަރުކާރުގެ ވައުދެއް ނަމަވެސް އެ މަރުތަކަށް އިންސާފު ނުލިބި، މަރު ކޮމިޝަނުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.