ތ. ތިމަރަފުށީގައި ޓެރަރިސްޓް ހަރަކާތްތަކެއް ހިންގަން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަލީ މުނީޒް ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފި އެވެ

ތިމަރަފުށީގައި ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގައި އައިއީޑީއެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތަށް ދައުވާކޮށްފައިވާ އަށް މީހުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، އެމީހުން ބަންދުކުރީ، އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ އެވެ.

މި މައްސަލަ މުރާޖައާކުރުމަށް ބޭއްވި އަޑުއެހުމުގައި މުނީޒުގެ މިސާލު ނަންގަވައި ދައުލަތުން ބުނީ، އޭނާ އަކީ ހަނގުރާމައަށް ދިޔުމުގެ ތަމްރީނު ހަދާފައި ހުރި މީހެއް ކަމަށެވެ.

އެގޮތުން ތ. އަތޮޅުގެ ފަޅު ރަށެއްގައި މުނީޒާއި އިތުރު ބަޔަކު ހަނގުރާމައަށް ތަމްރީނު ހަދާފައިވާ ކަމުގެ ހެކި ދައުލަތުން ވަނީ ހޯދައިފައިވާއިރު، އެ ތަމްރީނު ތަކުގެ ތެރެއިން ހަށިގަނޑު ވަރުގަދަކުރަން ރާޅާ ދެކޮޅަށް ފެތުމާއި ހިނގުން ފަދަ ހަރަކާތްތައް އެ ރަށުގައި އެ މީހުން ހިންގާފައިވާ ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން އެ އަޑުއެހުމަށް މުނީޒު ކޯޓަށް ހާޒިރުވިއިރު އޭނާ ހުރީ ވަރަށް ބޮޑަށް ހިކިފައިކަން ފާހަގަކޮށް، މުނީޒުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، މުނީޒު ބަންދަށް ގެންދިޔަ އިރު 73 ކިލޯ ހުއްޓަސް މިހާރު ބަރުދަން 45 ކިލޯއަށް ވެއްޓިފައިވާ ކަމަށެވެ.

އޭނާއަށް އެއްވެސް އެއްޗެއް ރަނގަޅަށް ނުކެވޭ ކަމަށާއި އެއްޗެއް ކާއިރަށް ހޮޑުލެވޭ ކަމަށް އާދަމް ޝަމީމް ވިދާޅުވި އެވެ. އަދި ކިޑްނީ ފެއިލްވުމުގެ ބިރު ވެސް އޮތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.

މިކަމަށް ބަލައި މި މައްސަލަ މުރާޖައާކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކަކާއި އެކު މުނީޒު ބަންދުން ދޫކޮށްލާފަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ފުލުހުން ތިމަރަފުށީގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އާއި، ތ. ތިމަރަފުށި، ކެނެރީގެ، އަލީ މުނީޒު އާއި ތ. ތިމަރަފުށި، އަސުރުމާގެ، މުހައްމަދު އާސިރު އާއި، ތ. ތިމަރަފުށި، އަސްރަފީވިލާ، އަހުސަން މުހައްމަދު އާއި، ރ. މަޑުއްވަރި، ބީޗްހައުސް އަބްދުﷲ އިމާދު އާއި، ތ. ތިމަރަފުށި، ސައިމާ، ޝަމާހު ޝަރީފާއި، ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫތު އާއި، ރ. ކަނދޮޅުދޫ، ފެހިވިލާ، އަލީ އަރުހަމް މުހައްމަދެވެ.