ކޮވިޑް-19 އަށް ފަރުވާހޯދަމުންދަނިކޮށް ހއ. ދިއްދޫއިން މީހަކު ނިޔާވެއްޖެ އެވެ.

ކޮވިޑަށް ފަރުވާ ހޯދަމުން ގެންދަނިކޮށް ނިޔާވީ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގެ އިސް އޮފިޝަލަކު ވަނީ މިއަދުގެ ހެނދުނު 10:30 ގައި އެރަށުން މީހަކު ނިޔާވެފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ.

އެއީ ކޮވިޑަށް ފަރުވާކުރުމަށް ހޯމް އައިސޮލޭޝަންގައި ފަރުވާހޯދަމުންދިޔަ މީހެއް ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެނައިއިރު ވެސް ނިޔާވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިއާއެކު، މިމަހުގެ މިހާތަނަށް ނުވަ މީހަކު ވަނީ ކޮވިޑް ޖެހިގެން ނިޔާވެފަ އެވެ. އަދި މި ބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 259 އަރައިފަ އެވެ.

ކޮވިޑަށް ފަރުވާހޯދަމުން ގެންދަނިކޮށް އެންމެ ފަހުން ނިޔާވެފައި ވަނީ ބ. އަތޮޅު އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ އުމުރުން 80 އަހަރުގެ ބ. އަތޮޅު ދޮންފަނު އަންހެނެކެވެ.