ލ. މުންޑޫގައި މީހަކު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ މުހައްމަދު ޝަނޫންގެ މަރުގެ ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.
މުންޑޫގައި 2015 ވަނަ އަހަރު އެ ރަށު ނޫވިލު، އަލީ ޒިޔަދަމަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލީ ގްރޫޕް މާރާމާރީއެއްގެ ތެރެއިންނެވެ. އެ މައްސަލާގައި އެ ރަށު ހީނާވިލާ ޝަނޫނާއި އެ ރަށު ބީޗްވިލާ އަލީ ސިފާމްގެ މައްޗަށް ކުށް ސާބިތުވި އެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށް ސާބިތުވުމުން ޝަނޫން މެރުމަށާއި އަދި އެކަމުގައި އެހީތެރިވުމުގެ ކުށް ސާބިތުވާތީ ސިފާމް އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން 2023 ވަނަ އަހަރު ހުކުމްކުރި އެވެ.
ޝަނޫން މަރަން ކުރި ހުކުމުގެ ސައްހަކަން ކަށަވަރުކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގަސްދުގައި ޒިޔަދަމަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަން ޝަނޫންގެ މައްޗަށް ސާބިތުވާ ހެކި އެބަހުރި ކަމަށެވެ. އަދި ޒިޔަދަމްގެ ވާރިސުން މަރަށް މަރު ހިފަން ބޭނުންވާ ކަމަށް ބުނެފައި ވާއިރު، ޝަނޫންގެ ކިބައިން މަރަށް މަރު ނުހިފޭނެ ޝަރުއީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ޝަނޫން މަރަން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށް ނިންމީ ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެލި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އިބްރާހިމް މާހިރެވެ.
އެ މައްސަލާގައި ސިފާމް އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ކުރިން އޮތީ ދަމަހައްޓައިފަ އެވެ.
"ކަނޑުއޮޅިއާ މެދު އެމެރިކާއިން އުޅެނީ ގޯސް އަންދާޒާއެއް ނަގަން"
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!