އެލޯ ވެރާ އަކީ ދިވެހިންގެ ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ހައްދާ ބާވަތެކެވެ. ގޭގެ މާހައުލު ރީތިކޮށްދޭ މި ގަސް ކިތަންމެ ގޮތަކަށް ބޭނުން ކުރެވިދާނެ އެވެ.

އެލޯ ވެރާ ފަތުގެ އެތެރޭގައި ހުންނަ ޖެލް އަކީ ވަރަށް ފައިދާހުރި ބޭނުންތެރި އެއްޗެކެވެ. ރީތިވާ ސާމާނާއި އިސްތަށިގަނޑަށް ބޭނުންވާ އުފެއްދުންތަކުގައި އާންމުކޮށް މި ބޭނުންކުރެ އެވެ.

އެލޯ ވެރާގެ ގުދުރަތީ ޖެލް ގޭގައި ވެސް ތަފާތު ގޮތްގޮތަށް ތަފާތު ކަންކަމަށް ބޭލުންކޮށްލެވިދާނެ އެވެ.

އެލޯ ވެރާ ޖެލް އިން ޖޫސް ގިރައިގެން ބޮވޭނެ އެވެ. މީގައި ހިތި ރަހައެއް ހުއްޓަސް، މޭވާ ނުވަތަ ތަރުކާރީގެ ކޮންމެވެސް ބާވަތަކާ އެކު ގިރާލައިގެން ބޯލަން މީރު ވެސް ވާނެ އެވެ. އަދި ރަހަ އިތުރަށް ރަނގަޅުކޮށްލަން ހަކުރު ނުވަތަ މާމުއި އަދި ލުނބޯ ހުތް ވެސް އެޅިދާނެ އެވެ.

ހަޖަމުކުރުމުގެ ނިޒާމުގެ މައްސަލަތަކަށް މިކަމުން ލުއި ލިބޭނެ އެވެ. އެލޯ ވެރާ ޖޫސް ބުއިމުން ޑިޓޮކްސިފައިކޮށްދީ ތާޒާކަން ވެސް ގެނެސްދޭނެ އެވެ. އަދި މިއީ ބަރުދަން ލުއިކުރަން ވެސް އެހީވެދޭނެ ބުއިމެކެވެ. އެލޯ ވެރާގައި އެކުލެވޭ ވިޓަމިންތަކާއި މިނެރަލްތަކުން އެކަމަށް މަގުފަހިކޮށްދެ އެވެ.

ހަންގަނޑު ރީތިކޮށްލަން ވެސް އެލޯ ވެރާ ޖެލް އަކީ އެއް ވަނައިގެ އެއްޗެކެވެ. ތަފާތު ގޮތްގޮތަށް ބޭނުންކޮށްލެވިދާނެ އެވެ. އެއްގޮތަކީ ގަހުން ފަތެއް ކަނޑާފައި އޭގެ މަތީ ފަށަލަ ދުއްވާލައި، ކިއުބް ގޮތަކަށް ކޮށާފައި ފްރީޒަރުގައި ގަނޑުކޮށްލައިގެން ހަށިގަނޑުގެ އެކި ތަންތަނުގައި އުނގުޅުމެވެ.

މިހެން ހެދުމުން ހަންގަނޑުގައި ހަކާލުވެފައި ހުންނަ ތަންތަން ރަނގަޅުވުމާއި މަރުވެފައި ހުންނަ ހަންތައް ނެއްޓި، ހަށިގަނޑު ޓޭން ވެސް ކޮށްދޭނެ އެވެ. އަދި ހަމަ ތާޒާކަންމަތީ ސްކްރަބެއްގެ ގޮތުގައި ވެސް އެލޯ ވެރާ ޖެލް ބޭނުންކޮށްލެވުދާނެ އެވެ. މިސާލަކަށް މޫނުގަ އެވެ.

ބޮލުން ހަންފޮޅޭ ނަމަ އެކަމުގެ ހައްލަކަށް ވެސް އެލޯ ވެރާ ޖެލް ބޭނުންކޮށްލެވިދާނެ އެވެ. މީގެ ސަބަބުން އިސްތަށިގަނޑުގައި ހުންނަ ކުރަކިކަން ފިލައި އޮމާންކަން ގެނުވައިދީ މަޑު ވެސްކޮށްދޭނެ އެވެ. އަދި އެލޯ ވެރާ ޖެލް އަކީ އިސްތަށި ފެށުމަށް ވެސް އެހީވެދޭ އެއްޗެކެވެ.