ހިންދީ ޑްރާމާ ތަކުން މަގުބޫލުކަން ހޯދާފައިވާ ބަތަލާ އަންކިތާ ލޯކަންޑޭ ކައިވެނިކޮށްފި އެވެ.
އަންކިތާ އާއި ވިކީ ޖެއިން ކައިވެނި އިއްޔެ ބޭއްވިނަމަވެސް ކައިވެނީގެ އުފަލުގައި ބާއްވާ ހަފްލާ އޮތީ މިއަދުވެ. ނަމަވެސް ކޯވިޑްގެ ސަބަބުން މި ހަފްލާ ކުރިއަށް ގެންދަން ނިންމާފައި ވަނީ ވަރަށް ޕްރިވެޓް ކޮށެވެ. އާންމުގޮތެއްގައި ބޮލީވުޑްގެ ތަރިންގެ ކައިވެނީގެ ރިސެޕްޝަން ބޭއްވުމަށް ބޮޑު ހަފްލާއެއް ކައިވެންޏަށް ފަހު ބާއްވަ އެވެ.
ހިންދޫއިންގެ އާދަކާދަތަކާ އެއްގޮތަށް ކުރިއަށް ގެންދިއަ މި ކައިވެނީގެ ކަންތައްތައް މީގެ ހަފްތާއެއް ކުރިން ވަނީ ފަށާފަ އެވެ. އޭގެ ތެރޭގައި މެހެދީ ސެރަމޮނީ އާއި ސަންގީތު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އެ ދެމީހުން ކައިވެނީގެ ހަފްލާތަކުގެ ފޮޓޯތަކެއް ވަނީ މީސް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.
އަންކިތާގެ ކައިވެނީގެ ރަސްމިއްޔާތުތަކުގައި ޓީވީ އިންޑަސްޓްރީގައި މަސައްކަތްކުރާ ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.
ވިޔަފާރިވެރިއެއް ކަމުގައިވާ ވިކީއާއި އަންކިތާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން ހާމަ ކޮށްފައިވަނީ 2019 ވަނަ އަހަރު އެވެ.
އަންކިތާ އާންމުގެ މެދުގައި މަގުބޫލު ވެގެން ދިއައީ ޑްރާމާ ސިލްސިލާ "ޕަވިތުރާ ރިޝްތާ" އިންނެވެ. އަންކިތާ ވަނީ މި ޑްރާމާގެ ލީޑް ރޯލުން ފެނިގެން ގޮސްފަ އެވެ.
އަންކިތާ ވަނީ 2019 ވަނަ އަހަރު ފިލްމު "މަނިކަރްނިކާ" އިން ބޮލީވުޑަށް ނުކުމެފަ އެވެ.