ރާއްޖޭގައި ގާނޫނާ ހިލާފަށް ތިބި އިންޑިއާގެ ސިފައިންތައް ބޭރުކުރަން ގޮވާލައި ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ވަރުގަދަވާން ފެށުމުން އެމްޑީޕީގެ މަޖްލިސް މެމްބަރުން ދިފާއަށް ނުކުމެއްޖެ އެވެ.

ޖަލު ހުކުމުގައި ހުންނެވި ކުރީގެ ރައީސް ޔާމީން މިނިވަންވުމާ އެކު، "އިންޑިއާ އައުޓް"ގެ ނަމުގައި ހިންގަމުން އަންނަ ކެމްޕެއިން މިހާރު ވަނީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ވަރުގަދަކޮށްފަ އެވެ. ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގެން، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭތީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އިދިކޮޅު ކޯލިޝަނުން އިސްވެ އޮވެ ހިންގާ ކެމްޕޭން ވަރުގަދަވާން ފެށުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އެކުވެރި ބައެއް މަޖިލިސް މެމްބަރުން ގެންދަނީ އިންޑިއާ ސިފައިން ބޭރުކުރަން ހިންގާ ކެމްޕޭނަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދު ވެސް މިއަދު ވިދާޅުވީ ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު، އަދި އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން ކަމަށެވެ. މިއީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގަމުން އަންނަ ހަރަކާތެއް ކަމަށް ކުރިން ތުހުމަތު ކުރެއްވި ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ" ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ މަސްތުވާތަކެއްޗާ އިންސާނީ ވަގުފާރިއާ ހަތިޔާރުގެ ވިޔަފާރި ފަދަ ކްރޮސްބޯޑާ ޖިނާއީކުށްތައް ހިންގާ ނެޓްވާކްތަކަށް ފުރުސަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް ކަމަށެވެ.

"މަސްތުވާތަކެއްޗާ އިންސާނީވަގުފާރިއާ ހަތިޔާރުގެ ވިޔަފާރިފަދަ ކްރޮސްބޯޑަރ ޖިނާއީކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް. މިރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިޔާއަކީ މުހިއްމު ޤައުމެއް،" އިންޑިއާ ސިފައިން ތިބުމަށް ތާއީދުކުރާ މޭރުމަކުން އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަށް ފާޑުވިދާޅުވެފަ އެވެ.

"ކުރީގެ ރައީސަކު މުޅި ގައިގާ 'އިންޑިޔާ އައުޓް' ޖަހައިގެން، ދިވެހިރާއްޖޭގެ އެންމެ ޒަމާންވީ، އެންމެ ގާތް، އެންމެ އަވައްޓެރި ޤައުމާ ދެކޮޅުވެރިވެ ގަތުމުގެ އިންތިޤާމުގެ ހުޅު ރޯކުރުވަން އުޅުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް،" ވައްޑެ ޓުވިޓާގައި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޒަމާނުއްސުރެ ދިވެހީންގެ މައިގަނޑު ކެއުމުގެ ބާވަތްތަކަކީ ހަނޑޫ ހަކުރު ފުށް ކަމަށާއި މިއީ ރާއްޖޭގައި ހެއްދޭ ބާވަތްތަކެއް ނުވާތީ މައިގަނޑު ގޮތެއްގައި އެތަކެތި ގެންނަނީ އަވައްޓެރި އިންޑިޔާއިން ކަމަށެވެ.

"މިދަންނަވާލީ ދިވެހިންނާ އަވައްޓެރިންގެ އެތައް ހާސް އަހަރުވީ ގުޅުމުގެ ކުޑަ މިސާލެއް،" ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންތައް އިންޑިއާ ސިފައިން ތިބުމަށް ތާއީދުކުރާ މޭރުމަކުން ވާހަކަދައްކަން ފެށުމުން އާއްމުންގެ ގިނަ ބަޔަކު ދަނީ އެއީ "ޣައްދާރުން" ކަމަށް ސިފަކޮށް ފާޑުކިޔަމުންނެވެ.