ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ނަމާއި، ނިޝާން ބޭނުންކޮށްގެން އާންމުންނަށް އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީން އިލްތިމާސް ކޮށްފި އެވެ.

އެ އޮތޯރިޓީން ބުނީ ސީއެމްޑީއޭގެ ނަމުގައި ހިންގާ އޮންލައިން ޕޭޖުގައި އޮތޯރިޓީގެ ނަމާއި ނިޝާން އަދި އޮތޯރިޓީން ހުއްދަދީފައިވާ ކުންފުނިތަކުގެ ބްރޭންޑިން ބޭނުންކޮށްފައިވީ ނަމަވެސް އެއީ އެ އޮތޯރިޓީއާ ގުޅުން އޮތް ޕޭޖެއް ނޫން ކަމަށެވެ. އަދި އެ ޕޭޖުން އިންވެސްޓަރުންނާއި ޢާންމު ރައްޔިތުންނަށް އޮޅުވާލުމުގެ ޢަމަލުތަކެއް ހިންގަމުންދާކަން ފާހަގަވެފައިވާ ކަމަށް ވެސް ސީއެމްޑީއޭ އިން ބުނެ އެވެ.

ސީއެމްޑީއޭ އިން ބުނީ އެ ޕޭޖާ ގުޅުންހުރި އެއްވެސް ފަރާތަކަށް ނުވަތަ ޖަމާޢަތަކަށް، ސީއެމްޑީއޭގެ ފަރާތުން ވާހަކަދެއްކުމަށް، މުޢާމަލާތް ކުރުމަށް ނުވަތަ އެއްވެސް ވިޔަފާރިއެއް ހިންގުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ.

ސީއެމްޑީއޭއިން ވަނީ ފޭސްބުކްގައި ބަޔަކު ސީއެމްޑީއޭ އިން ހުއްދަ ދީފައިވާ ކުންފުނިތަކުގެ ބްރޭންޑިން ބޭނުންކޮށްގެން ގަސްތުގައި އާންމުނަށް އޮޅުވާލަމުންދާ ކަމަށެވެ. އެހެންކަމުން އެކަމުގައި އިންވެސްޓަރުންނާއި އާންމުން ސަމާލުވުމަށާއި އެޕޭޖާއި މުޢާމަލާތު ނުކުރުމަށާއި އަމިއްލަ އެއްވެސް މަޢުލޫމާތެއް ހިއްސާނުކުރުމަށް ސީއެމްޑީއޭއިން ވަނީ އިލްތިމާސް ކޮށްފަ އެވެ. މީގެ އިތުރުން އެޕޭޖުގައި ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަމަލު ނުކުރުމަށް ވެސް ވަނީ އިރުޝާދު ދީފަ އެވެ.

ސީއެމްޑީއޭއިން ބުނީ މިފަދަ ޢަމަލު ހިންގާ ފަރާތްތައް ހުއްޓުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކެޕިޓަލް މާކެޓާގުޅޭ ސައްހަ މަޢުލޫމާތާއި ރަސްމީ އިޢުލާންތަކާއި އަދި ހުއްދަދީފައިވާ މާކެޓް ބައިވެރިންގެ ލިސްޓު ސީއެމްޑީއޭގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.

ކެޕިޓަލް މާކެޓާގުޅޭ ގޮތުން އެއްވެސް ބާވަތެއްގެ ޝައްކުކުރެވޭ ކަމެއް ނުވަތަ އޮޅުވާލުމުގެ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކަމެއް ފާހަގަކުރެވިއްޖެ ނަމަ އެއޮތޯރިޓީއަށް ރިޕޯޓް ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.