ދިވެހިންނަށް އަމާޒުކޮށްގެން، އެހެން ދީންތައް ފަތުރައި ދީނީ އެއްބައިވަންތަކަމާ ދެކޮޅަށް ހިންގާ ވެބްސައިޓްތަކާއި ޕޭޖްތަކާއި އެޕްލިކޭޝަންތަކާއި ޗެނަލްތައް ހުއްޓުވަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އަދިވެސް ތަންފީޒު ނުކުރެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދިވެހިންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން އެފަދަ އަމުރެއް ނެރެދިނުމަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވާއިރު، ޣައިރު ދީންތަކަށް ދިވެހިން ވެއްދުމުގެ ބޭނުމުގައި ދިވެހި ބަހުން ކޮންޓެންޓް ހަދައިގެން ސޯޝަލް މީޑިއާގައި ހިންގަމުން އަންނަ ޕޭޖުތައް ހުއްޓުވުމަށް ނެރުނު އަމުރާ ގުޅިގެން އެ އަމުރު ތަންފީޒުކުރަން، އިންޓަނެޓްގެ ހިދުމަތްދޭ ކުންފުނިތަކަށް ފުލުހުން ވަނީ 72 ގަޑިއިރު ދީފަ އެވެ. އަދި މި އަމުރާއި ހިލާފުވެއްޖެނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދިނެވެ.

މި މުހުލަތު ހަމަވެފައި ވާއިރު، "ހުރިހާ" އާ ވާހަކަދައްކަމުން ފުލުހުން މިއަދު ބުނީ އެކަން ތަންފީޒު ނުކުރެވޭ ކަމަށާއި، ނުނިމޭ ކަމަށެވެ. އަދި އެއީ ޓެކްނިކަލް މަސައްކަތްތަކެއް ކުރާތީ ކަމަށާއި، ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ އަދި އިސްލާމިކް މިނިސްޓްރީގެ އިތުރުން ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން އެކަން ތަންފީޒުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ދިވެހިންނަށް އަމާޒުކޮށްގެން ޣައިރު ދީންތައް ފެތުރުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކަމާ ގުޅޭ އިދާރާތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ކަމަށް ބުނެ ބައެއް އާންމުން ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.