ރައްޔިތުން މަޖިލީހުން ހުސްވެފައިވާ ށ. ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިމަތިލައްވަން އުޅުއްވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ޕީޕީއެމުން ދޮގުކޮށްފި އެވެ.

ކޮމަންޑޫ ދާއިރާއަށް ރައީސް ޔާމީން ކުރިމަތިލައްވަން އުޅޭ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދަނީ މެސެޖެއް ދައުރުކުރަމުންނެވެ. އެ މެސެޖެއްގައި ރައީސް ޔާމީން ކުރިމަތިލައްވަނީ ރައްޔިތުން މަޖިލީހުގައި ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ކަމަށް ވެސް އެ ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.

ރައީސް ޔާމީން ކުރިމަތިލައްވާނެކަމަށް ހަބަރުފެތުރިފައިވާ، ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، މިމަހުގެ 14 ވަނަ ދުވަހު އެ ގޮނޑީގެ މަގާމު ފުރުއްވަމުން ގެންދެވި ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. އަދި އެ ގޮނޑިއަށް މެމްބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ އަހަރުގެ ފެބްރުއަރީމަހުގައި ބާއްވާނެކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.