ހަށިގަނޑު ނިކަމެތިކޮށް ތިބޭ ކުދިންނަށް ދުވާލަކު ބިހެއް ކާން ދިނުމުން ރަނގަޅު ބަދަލެއް ފެންނަ ކަމަށް ހަ މަސް ދުވަސް ވަންދެން ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ދެބައި ހަމަޔަށް ރޯ ފިލުވާފައި ދިނަސް އަދި ބޮޑަށް ރޯފިލުވާފައި ދިނަސް ނުވަތަ ބިސްގަނޑުގެ ގޮތުގައި ދިން ނަމަވެސް ކުޑަކުދިންގެ ހަށިގަނޑަށް ބިހުން ވަރަށް ބޮޑެތި ފައިދާތަކެއް ކުރާކަން މި ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ހަށިގަނޑަށް ބޭނުންވާ މާއްދާތައް އެކަށީގެންވާ ވަރަށް ނުލިބި ސިއްހީ މައްސަލަތައް ކުރިމަތިވާ ނަމަ ބިހަކީ އަގު ހެޔޮ ހައްލެއް ކަމަށް ޕީޑިއޭޓްރިކްސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވެ އެވެ.

މި ދިރާސާކުރި ޓީމުން ވަނީ ފަގީރު ހިސާބެއްގައި، އުމުރުން ހަ މަހާއި ނުވަ މަހާ ދެމެދުގެ ކުދިންނަށް ކޮންމެ ދުވަހަކު ބިސް ކާން ދީގެން އަންނަ ބަދަލުތައް ބަލައިފަ އެވެ. ދިރާސާގައި ބައިވެރިކުރި 160 ކުދިންގެ ތެރެއިން ދެ ބައިކުޅަ އެއް ބައި ކުދިންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު އެ ކުދިންގެ ނާސްތާގައި ބިސް ހިމެނި އެވެ. ދިރާސާގެ މުއްދަތު ނިމި، ކުދިންގެ ސިއްހަތު ވަޒަންކުރި އިރު ބިސް ދިން ކުދިންނަށް ހެދިބޮޑުވުމުގެ މައްސަލަ ކުރިމަތިވުމުގެ ފުރުސަތު ބިސް ނުދޭ ކުދިންނާ އަޅާބަލާއިރު 47 ޕަސެންޓް ދަށްވި އެވެ.

ކުއްޖާ ހެދި ބޮޑުވުމުގައި އެންމެ މުހިންމީ ފުރަތަމަ ދެ އަހަރު ކަމަށްވީއިރު އެ މުއްދަތުގައި މިކަމަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން ހައްލުކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ދިރާސާގައި ބުނެފައި ވަނީ އެކަށީގެންވާ ނިއުޓްރިޝަން ނުލިބުމާއި ކުޑައިރު ޖެހޭ އިންފެކްޝަންތަކަކީ ހެދިބޮޑުވުން ހުއްޓޭ އެންމެ މައިގަނޑު ދެ ސަބަބު ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހިސާބުތަކުން ދައްކާ ގޮތުގައި އުމުރުން ފަސް އަހަރުން ދަށުގެ 155 މިލިއަން ކުދިންނަކީ އެ ކުދިންގެ އުމުރާ އެކަށީގެންވާ ވަރަށް ބޮޑުނުވެ ތިބި ކުދިންނެވެ. މީގެ ތެރެއިން ގިނަ ކުދިން ނިސްބަތްވަނީ މަދުން އާމްދަނީ ލިބޭ ގައުމުތަކާއި މެދު މިންވަރެއްގެ އާމްދަނީ ލިބޭ ގައުމުތަކަށެވެ.