ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އިއްޒަތްތެރިއެއް އަދި ގިނަ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 85 އަހަރު އުމަރު ޒާހިރު އަވަހާރަވީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު މެންދުރު އެވެ.

މިހާރު އުމުރުފުޅުން 85 އަހަރުގެ އުމަރު ޒާހިރަކީ ސަރުކާރު މަތީ އެތައް މަގާމެއް ފުރުއްވާފައިވާ ހދުމަތްތެރި ބޭފުޅެކެވެ.

އުމަރު ޒާހިރަށް، ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ދިހަ ވަނަ ދުވަހު އެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ މިނިސްޓްރީތަކެއް ހިންގެވި އުމަރު ޒާހިރު 1983 ވަނަ އަހަރުން ފެށިގެން 1988 ވަނަ އަހަރާ ހަމަޔަށް ވަނީ މިނިސްޓަ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސްގެ މަގާމު އަދާކުރައްވާފަ އެވެ. އަދި 1988ން ފެށިގެން 1993ވަނަ އަހަރާއި ހަމަޔަށް އުމަރު ޒާހިރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ މަގާމު އަދާކުރައްވާފަ އެވެ. ރާއްޖޭގެ ކުޅިވަރާއި ބެހޭ ފުރަތަމަ ވަޒީރަކީ ވެސް އެ މަނިކުފާނެވެ.

އުމަރު ޒާހިރު ވަނީ މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއާ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

ކުރެއްވި ޚާއްސަ ޚިދުމަތްތައް:

  • 1960ގެ އަހަރުތަކުގައި ރާއްޖެއަށް ފުރިހަަމަ މިނިވަންކަން ހޯދުމަށް ކުރެވުނު ގައުމީ ޜޫޙާއި ޖޯޝާއި ފޯރީގެ މަސައްކަތްތަކުގެ އިސްސަފުގައި.
  • މަޖީދިއްޔާގައި އިލްމީ އަހުލާގީ ނަމޫނާ ދަރިވަރުން ބިނާކުރެއްވުން
  • މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތައް އަދި މާލޭ މަގުހެދުމުގެ މަޝްރޫއު މާލޭގެ އެއްގަމުތޮށްޓާއި ކަނޑުތޮށީގެ މަޝްރޫއު
  • ހުޅުމާލެ ތަރައްގީކުރުމުގެ މަޝްރޫއު
  • ކުނިނައްތާލުމުގެ މަޝްރޫއާއި ކަމާބެހޭ މަސައްކަތްތައް
  • ތިލަފުށި ހިއްކުން އެކަމާގުޅޭ އެންމެހައި މަސައްކަތްތައް
  • ފުވައްމުލަކު ބަނދަރުގެ މަޝްރޫއު
  • ރަށްރަށުގެ ބަނދަރުގެ މަސައްކަތްތައް
  • ކުޅިވަރު ރޫޙާއި ޖޯޝާއި ފޯރި އެންމެ ގަދަވި ރަންޒަމާނުގެ ހިންގުންތެރި ވަޒީރު