ކުޑަކަމުދާ ނިާމުގެ ބަލިތަކަކީ މިހާރަކަށް އައިސް ވަރަށް ގިނައިން ފެންނަ ބަލިތަކެކެވެ. އޭގެ ތެރެއިން ވެސް ޔުނިރަރީ ޓްރެކްޓް އިންފަކްޝަން (ޔޫޓީއައި) އަކީ ހާއްސަކޮށް އަންހެނުންގެ މެދުގައި ވަރަށް އާއްމު ބައްޔެކެވެ. މި ލިޔުމުގައި މި ބަލާލަނީ މިފަދަ ބަލިތަކަށް ގޭގައި ކުރެވިދާނެ ބައެއް ފަރުވާ ތަކަށެވެ.
އަލަނާސި ސައި
އަލަނާސީގައި އެކުލެވޭ ޑިއުރެޓިކް ޕްރޮޕަޓީޒްގެ ސަބަބުން މިއީ ކުޑަކަމުދާ ނިޒާމު ސާފުކޮށްލުމަށް ރަނގަޅު އެއްޗަކަށްވެ އެވެ. ބްރޮމެލައިން ކިޔާ އެކްޓިވް ކަމްޕައުންޑެއް އަލަނާސީގައި ހުރެ އެވެ. މިއީ އެންޓި-އިންފްލެމޭޓަރީ އަދި އެންޓިބެކްޓީރިއަލް ޕްރޮޕަޓީ އެކެވެ. ދެ ފޮތި އަލަނާސި (ތޮށްޓާއެކު) ކުދިކޮށް ކޮށާފައި 500 މިލިލީޓަރު ފެނާ އެއްކުރުމަށް ފަހު އުނދުން މައްޗަށް އުދައި 8-10 މިނިޓް ވަންދެން މަޑުގިނީގައި ކައްކާށެވެ. ދެން ބާލާފައި ހިހޫވަންދެން ބެހެއްޓުމަށް ފަހު ފުރާނާލާށެވެ. އަދި ދުވާލަކު ދެ އިރު ބޭނުން ކުރާށެވެ.
ސެލެރީ އިންފިއުޝަން
ސެލެރީ އިންފިއުޝަން އަކީ ވެސް އެންޓި-އިންފްލެމޭޓަރީ އަދި އެންޓިއޮކްސިޑަންޓްސް ޕްރޮޕަޓީ އެކެވެ. ޔޫޓީއައިގެ ސަބަބުން ދިމާވާ އުނދަގޫތައް މި ބުއިމުން ކޮންޓްރޯލް ކޮށްދެ އެވެ. މިއީ ހަމައެކަނި ކުޑަކަމުދާ ނިޒާމަށް ރަނގަޅު އެއްޗެއް ނޫނެވެ. ބްލެޑާ އާއި ކިޑްނީ އަށް ވެސް މިއިން ފައިދާ ކުރެ އެވެ. މިފަރުވާއަށް ސެލެރީ ސްޓޯކްއެއް ދޮވެލާފައި ކޮށާލާށެވެ. 500 މިލިލީޓަރު ފެން ކައްކާލާފައި ރަނގަޅަށް ކެކެން ފެށުމުން ސެލެރީކޮޅު އަޅާލާށެވެ. ދެން ބާލާފައި 10 މިނިޓް ބަހައްޓާފައި ފުރާނާލާށެވެ. މި ބުއިން ދުވާލަކު ތިން ފަހަރު ބޭނުން ކުރެވިދާނެ އެވެ.
ރީނދޫ ސައި
ކާކިއުމިން އަކީ ރީނދުލުގައި ހުންނަ އެކްޓިވް ކަމްޕައުންޑެކެވެ. އަދި މިއީ ބާރުގަދަ އެންޓިބައޮޓިކެކެވެ. އަދި އެންޓި-އިންފްލެމޭޓަރީ ޕްރޮޕަޓީޒް އެކުލެވޭ އެއްޗެކެވެ. ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަން ހުރި ނަމަ އެއަށް ފަރުވާ އެކެވެ. އެއް ސައިސަމުސާ ރީނދުލާއި ދެ ޖޯޑު ފެން އެއްކޮށް ގިރާލާފައި ކައްކާލާށެވެ. ބޮކިޖަހަން ފެށުމުން ނިއްވާލާފައި 5-10 މިނިޓް ބަހައްޓާފައި މާމުއިކޮޅެއް އަޅައި ގިރާލުމަށް ފަހު ވަގުތުން ބޯލާށެވެ. އިންފެކްޝަނުން ލުއި ހޯދަން ދުވާލަކު މީގެ ދެ ޖޯޑު ބުއިން ރަނގަޅެވެ.